މާލެ ސިޓީ މޭޔަރުގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރު ހޮވައިދީފިނަމަ ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ އާޒިމާގެ ކެމްޕެއިނަށް މިއަދު ވިލިމާލެއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ ހުރިހާ އެއްބާރުލުމެއް ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމަކަށް ލިބޭ ހިސާބުގައި އޮއްވާ ސަރުކާރު ފިކުރު ނޫން މޭޔަރަކު ހޮވައިފިނަމަ މޭޔަރު ކިތަންމެ ކަމެއް ކޮށްދޭން ބޭނުންވިޔަސް އެ މޭޔަރަކު ނިސްބަތްވާ ޕާޓީއިން ކަންތައްތައް ކުރާނެ ގޮތެއް ނޭނގޭނެ ކަމަށެވެ.
އަޅުގަނޑުމެންގެ ފިކުރުގައި ނެތް އެހެން ޕާޓީއެއްގެ މޭޔަރަކު ހޮވައިފިއްޔާ އަދި މޭޔަރު ކިތަންމެ ކަމެއް ކޮށްދޭން ބޭނުން ވިޔަސް އެ ބޭފުޅަކު އެ ނިސްބަތްވާ ޕާޓީން ކަންކަން ކުރާނެ ގޮތެއް ނޭނގޭނެ
– ރައީސް ޑރ. މުޢިއްޒު
އެމަނިކުފާނު މޭޔަރު ކަމުގައި ހުންނަވައިގެން ވިލިމާލެއަށް ކުރަން ބޭނުންވި ގިނަ ކަންތައްތައް ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ނުކުރެވުނު ކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެފަދަ ހުރިހާ ކަމެއް ގުޅިފައި އޮތީ ކައުންސިލާ ކަމަށާއި ކަންތައްތައް ކުރަން ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށެވެ.