ކުރިއަށް އޮތް 5 އަހަރު ނިމޭއިރު، މާލެ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަން ހައްލުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ގުޅިފަޅާއި އުތުރުތިލަފަޅުގެ އިތުރުން ރަސް މާލެއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އޮތް ދާއިމީ ހައްލުކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެތަންނަނުން ގޯތި ދިނުމަށްފަހު ކުޑަ އިންޓްރަސްޓް ރޭޓެއްގައި ގެދޮރު އެޅުމަށް ބޭނުންވާ ލުއި ލޯނު ރައްޔިތުންނަށް ދޭނެ ކަމަށެވެ. އަދި އެއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލުކުރަން އެމަނިކުފާނު ވިދާޅުވާ ހައްލު ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ 100 ޕަސެންޓް ޔަގީންކަން މިދެނީ މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކު ވެސް މި 5 އަހަރު ނިމޭއިރު
– ރައީސް ޑރ. މުޢިއްޒު
ރޭގެ ޖަލްސާގައި މާލޭ ސިޓީ ކައުންސިލްގެ އިދިކޮޅު ބައެއް ކައުންސިލަރުން ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ.













