ފުވައްމުލަކު ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބޮޑުން ކަމަށް ތުޙުމަތުކުރާ ދެމީހުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މިއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފުވައްމުލަކު ސިޓީގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު ދެ މީހުންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަޙްމަދު ނިއުޝާދު، ދޫޑިގަން، ކަރަންކާވިލާ / ޏ. ފުވައްމުލައް އަދި ޙަސަން އާޒިމް، ދޫޑިގަން، ޒަމާނީގެ / ޏ. ފުވައްމުލަކެވެ.
މިދިޔަ އަންގާރަ ދުވަހު އެ ދެމީހުން ދޫކޮށްލުމަށް ކޯޓުން ނިންމާފައިވަނިކޮށް، ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ، ރޭގެ ވަގުތެއްގައި އެ ދެމީހުން އަލުން ހައްޔަރުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިކަމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ އެ ދެމީހުން ދޫކޮށްލަން ކޯޓުން ކުރި ޝަރުތުތަކާ ޚިލާފުވެފައިވާތީ އެ ދެމީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ނިއުޝާދުއާއި އާޒިމްގެ މައްޗަށް މަނީ ލޯންޑަރިންގގެ ދަޢުވާ ވެސް ވަނީ އުފުލައިފައެވެ. އެގޮތުން، 2019 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނިއުޝާދުގެ އެކައުންޓަށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާއިރު އާޒިމްގެ އެކައުންޓަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. ޕީޖީ އޮފީހުން ބުނީ މި ފައިސާއަކީ މަސްތުވާތަކެއްޗާ ގުޅުންހުރި އެކިއެކި ފަރާތްތަކުގެ އެކައުންޓުތަކުން ޖަމާކޮށްފައިވާ، ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތުޙުމަތުކުރެވޭ ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުން މިހާތަނަށް އެތަކެއް މަސްތުވާތަކެއްޗާއި ގުޅުންހުރި ނެޓްވޯކްތަކާއި އެ ނެޓްވޯކްތައް ހިންގުމުގައި އިސްކޮށް އުޅޭ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.












