ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރި ނަމަވެސް އެ ޚިދުމަތާއެކު ސިޓީ ކައުންސިލަށް ބަދަލުކުރާ އެއްވެސް މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތައް ކުޑަނުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުނިސިޕަލް ހިދުމަތްތައް އެޗްޑީސީން އެމްސީސީއަށް ބަދަލުކުރުމާ ގުޅިގެން އެޗްޑީސީގެ ބައެއް މުވައްޒަފުންގެ ކަންބޮޑުވުންތައް ލިބިފައިވާ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރައާއި އިނާޔަތްތައް ކުޑަނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު ފުރިހަމަ ޔަޤީންކަން އަރުވަން ބޭނުންވަނީ، އެއްވެސް މުވައްޒަފަކަށް، މުސާރަ، އިންޝުއަރެންސް، ނުވަތަ މިހާރު ލިބޭ އެހެނިހެން އިނާޔަތްތައް، އެއް އަހަރު ފާއިތުވެގެން ދިޔަޔަސް ދަށްކުރަން މަޖުބޫރުވެގެން ނުދާނެ. އެކަމަށް އެކަށީގެންވާ މެކޭނިޒަމެއް ސަރުކާރުން ތަންފީޒު ކުރާނެ”
– ރައީސް މުޢިއްޒު
ހުޅުމާލޭ މުނިސިޕަލް މަސައްކަތްތައް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް އިޢުލާންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުއެވެ.