ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ތުޙުމަތު އަޅުވައި ”އަދަދު“ ނޫހުން އާންމުކޮށްފައިވާ ޑޮކިއުމެންޓްރީއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެ ނޫހުގައި މަސައްކަތްކުރާ ނޫސްވެރިންގެ ޢަމަލުތައް ކުށްވެރިނުކޮށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފިނޑި ބަޔާނެއް ނެރެފިއެވެ.
”އަދަދު“ ނޫހުން ”އައިޝާ“ ގެ ނަމުގައި ނެރުނު ޑޮކިއުމެންޓްރީގައި އެ ނޫހަށް އިންޓަވިއު ދީފައިވާ އަންހެން މީހާ ބުނެފައިވަނީ، ރައީސް މުޢިއްޒު އާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ބައެއް ފަރާތްތަކާއެކު ކައިވެނިން ބޭރުން ނަހަމަ ގުޅުންތަކެއް ހިންގާފައިވާ ކަމަށާއި، އެ ގުޅުންތައް ހިންގީ އެ ފަރާތްތަކުން ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅާފައިވާތީ ކަމަށެވެ. މިކަމުގައި އާންމުގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އެ އަންހެން މީހާ ވަނީ ބުނެފައެވެ.
މި ޑޮކިއުމެންޓްރީއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ”އަދަދު“ ނޫހަށާއި އެ ނޫހަށް އިންޓަވިއު ދީފައިވާ އަންހެން މީހާ ކަމުގައިވާ ”އައިޝާ“ އަށް ވަނީ އަމާޒުވެފައެވެ. މި މައްސަލަ ބަލައި އެ އަންހެން މީހާއަށް ފިޔަވަޅު އެޅުމަށާއި، ޑޮކިއުމެންޓްރީ ގެނެސްދީފައިވާ ”އަދަދު“ ނޫހަށް ހަރުކަށި ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
މި މައްސަލައާ ގުޅިގެން މީޑިއާ ކޮމިޝަނުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ”އިންތިޚާބީ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓުކުރުމުގެ ގައިޑްލައިން“ އަކީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 30 ވަނަ މާއްދާ ”ބްރޯޑްކާސްޓްކުރުން“ އަށް ރިޢާޔަތްކޮށް، މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބެލެނިވެރިކަމުގެ ދަށުގައިވާ އެންމެހައި ޓީވީ އަދި ބްރޯޑްކާސްޓާރުންގެ ޑިޖިޓަލް ޕްލެޓްފޯރމްތައް ހިމެނޭހެން، އެ މީޑިއަމްތަކުން އިންތިޚާބުގެ ދުވަސްވަރު ޚަބަރުތައް ކަވަރުކުރުމާއި، ކޮންޓެންޓް ބްރޯޑްކާސްޓުކުރުމުގެ ހަމަތަކާއި އުޞޫލުތައް ބަޔާންކުރާ ގައިޑްލައިނެއް ކަމަށެވެ. އަދި މި ގައިޑްލައިން އާންމުކުރުމާއިއެކު، އިންތިޚާބާއި ގުޅިގެން ބްރޯޑްކާސްޓަރުން ކުރިން ޢަމަލުކުރަމުންގެންދިޔަ ގައިޑްލައިން އުވުނީ ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފައެވެ.
މީޑިއާ ކޮމިޝަނުން ނެރުނު މި ބަޔާނުން ފާހަގަވެގެން ގޮސްފައިވަނީ ”އަދަދު“ ނޫހުން ޤައުމުގެ އެންމެ މަތީވެރިޔާގެ އިސްތަށިފުޅުގައި ޒިނޭގެ ތުޙުމަތު އަޅުވައި މީހަކު ދެއްވި ދޮގު ވާހަކަތަކަކަށް ބިނާކޮށް ޑޮކިއުމެންޓްރީއެއް އާންމުކުރުމުންވެސް ފިޔަވަޅު ނޭޅުމަށް ދެއްކެން އޮތް ހުރިހާ ހުއްޖަތެއް ދައްކައި އެ ނޫހުގެ މަސްލަޙަތު އިސްކޮށްފައިވާ ކަމެވެ. މިކަން ކުށްވެރިކޮށް އެ ނޫހާއިމެދު އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
މީޑިއާ ކޮމިޝަން އުފެދުނު ފަހުން ”އަދަދު“ ނޫހުން ތަކުރާރުކޮށް ގެންދަނީ މީޑިއާއަކުން ހިފަހައްޓަންޖެހޭ ސުލޫކުތަކާ ޚިލާފަށް ޚަބަރުތަކާއި އެކި ކަހަލަ ކޮންޓެންޓްތައް ޝާއިޢުކުރަމުންނެވެ. އެގޮތުން ރައީސް މުޢިއްޒުއާއި ސިފަ އެއްގޮތް ބަރަހަނާ ކާޓޫނު ކެރެކްޓަރެއް ކުރަހާފައިވާއިރު، އިސްލާމްދީނަށް ކުޑައިމީސްވާ ގޮތަށް ނަމާދަށް ޖޯކުޖަހައި އެ ނޫހުން ކާޓޫން ޝާއިޢުކޮށްފައިވެއެވެ. އެގޮތުން ނަމާދަށް މީހުން ތިބޭއިރު އެކަކު އަނެކަކުގެ ޖީބުން ލާރިނަގާ، ވައްކަންކުރާ މަންޒަރު ދައްކުވައިދޭ ކާޓޫނުތައް ވެސް އެ ނޫހުން ވަނީ ޝާއިޢުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީޑިއާ ކޮމިޝަން އުފެއްދުމަށް މަޖިލީހަށް ބިލެއް ހުށަހެޅި ދުވަހުން ފެށިގެން އެ ބިލު ފާސްކުރުމާއި ހަމައަށް ”އަދަދު“ ނޫހުގެ ނޫސްވެރިން ވަނީ، ”ސަރުކާރުން މަސައްކަތް ކުރަނީ މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅައި މީޑިއާތަކުގެ ބާރުކަނޑުވާލަން“ ކަމަށް ބުނެ، މަގުމަތީގައި ހަމަނުޖެހުން ވެސް ހިންގައިފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް އެއްވެސް މީޑިއާއަކާ މެދު ވަކިން ޚާއްޞަކޮށް ”އަދަދު“ ނޫހާއި މެދު މީޑިއާ ކޮމިޝަނުން ހަރުކަށި ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ. މިކަމުން ވެސް ހާމަވެގެންދަނީ އައު މީޑިއާ ކޮމިޝަން އުފެއްދި ޙަޤީޤީ މަޤުޞަދު ހާސިލުވެގެން ނުދާ ކަމެވެ.
ނޫސްވެރިންގެ ފަރާތުން ފެންނަ ވިޔާނުދާ ޢަމަލުތައް ހުއްޓުވުމުގެ ބަދަލުގައި މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން ވެސް ގެންދަނީ މިފަދަ ކަންކަމަށް ހިތްވަރުދީ އެ ކަންކަންކުރާ ފަރާތްތައް ދިފާޢުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންނެވެ. ރައީސްގެ އިސްތަށިފުޅުގައި މިވަރުގެ ބޮޑު ތުޙުމަތެއް އެޅުވުމުން ވެސް އެކަން ކުށްވެރިކޮށް ބަޔާނެއް ވެސް އެމްޖޭއޭއިން ނެރެފައެއް ނުވެއެވެ.
ރައީސްގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އެޅުވުމާއި ގުޅިގެން، ”އަދަދު“ ނޫހުގެ ލިޔުންތައް ކިޔުން ހުއްޓާލުމަށާއި، އެ ނޫހުގެ ލިންކުތައް މީސް މީޑިއާގެ އެއްވެސް މަންސައެއްގައި ޙިއްޞާނުކުރުމަށް ގޮވާލައި މީސް މީޑިއާގެ އެކި މަންސަތަކުގައި ބޮޑު ކެމްޕޭނެއްވެސް މިހާރު ވަނީ ފަށައިފައެވެ. ވަކިން ޚާއްޞަކޮށް އެކްސް އަދި ފޭސްބުކްގައި ”ބޮއިކޮޓް އަދަދު“ ގެ ނަމުގައި ހޭޝްޓެގް ބޭނުންކޮށްގެން އެތައް ހާސް ބަޔަކު އަންނަނީ ”އަދަދު“ ނޫހާ ދެކޮޅަށް ޝުޢޫރު ފާޅުކުރަމުންނެވެ.












