ފަތުރުވެރިކަމުގެ ދާއިރާއަށް މާލީ ގޮތުން ގޮންޖެހުން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެ ދާއިރާއަށް އެހީތެރިިކަން ފޯރުކޮށް ދިނުމުގައި ދެމިތިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
މިކަމާ ގުޅިގެން ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، ފަތުރުވެރިކަމުގެ ސިނާޢަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން ދޭ ކަމަށެވެ. ބީއެމްއެލް އިން ބުނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ދަތި ޙާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ތަޙައްމަލުކުރާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަަކައި، އެ ސިނާޢަތުގެ މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން، އެ ސިނާޢަތަށް ކުރާ އަސަރުތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.
މީގެ އިތުރުން ރިސޯޓު އަޮޕަރޭޓަރުންނާއި، ގެސްޓް ހައުސް ހިންގާ ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ޙާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުކެނޑުމެއްނެތި މަޝްވަރާކުރަމުންދާ ކަމަށް ބީއެމްއެލް އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
”އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާޢަތާ އެކު ސާބިތުވެ ތިބުމަށް، ސިނާޢަތުގެ ސްޓޭކްހޯލްޑަރުންނާއެކު ހުޅުވާލެވިފައިވާ މަޝްވަރާތައް ބޭއްވުމުގެ ސަބަބުން، ވިޔަފާރިތައް ހިންގުމަށް އެހީތެރިވެދޭނެ، އަދި މިހާރުގެ ޙާލަތުން އަރައިގަތުމަށް މަގުފަހިކޮށްދޭނެ، މާލީ ޙައްލުތަކެއް ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބި މުޅި ސިނާޢަތުގެ އިތުބާރު ދެމެހެއްޓުމަށް މަގުފަހިވެގެންދޭ،“ – ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އިޤުތިޞާދުގެ މައިތަނބަކީ ފަތުރުވެރިކަމުގެ ސިނާޢަތް ކަމަށާއި، އެ ސިނާޢަތު ކުރިއަރުވައި ތަރައްޤީކުރުމަށް މަސައްކަތް ކުރުމަކީ ޤައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށްވާއިރު، އެ ބޭންކުގެ މަސައްކަތްތައް ބައްޓަން ކޮށްފައިވަނީ އެ އަމާޒަށް ވާޞިލުވުމަށް ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ޙާލަތު ބަދަލުވަމުން އަންނަ ގޮތްގާތުން ބަލަމުންދާނެކަން ފާހަގަކުރަމުން ބީއެމްއެލްއިން ބުނީ، ބޭނުންވާ ޙާލަތްތަކުގައި އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، ފަތުރުވެރިކަމުގެ ސިނާޢަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ، ދެމެހެއްޓެނި ސިނާޢަތެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އެހީތެރިކަން އެ ބޭންކުން ފޯރުކޮށްދޭނެ ކަމަށެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިހާތަނަށް 496 ފްލައިޓް ކެންސަލްވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން މި މަހު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،150 އަށް މަދުވެފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.













