ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހުޅުމާލޭގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ހުޅުމާލޭގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ހުޅުމާލޭގައި އެކަމަށްޓަކައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފުގެ އިތުރުން ބީއެމްއެލް އެފޯރޑަބަލް ހޯމް ލީސިންގގެ މެނޭޖިންގ ޑިރެކްޓަރު ޙަސަން ޝާމް ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޓަވަރުތަކުގައި ހިމެނެނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. އެފްޑަބްލިޔު ކޮންސްޓްރަކްޝަނާ ޙަވާލުކޮށްގެން ތަރައްޤީކުރާ މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ހައުސިންގ މަޝްރޫޢުތައް ކުރިއަށްގެންދާނީ ޢިމާރަތްކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުނިތަކާއި ޙަވާލުކޮށްގެންނެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޮންސްޓްރަކްޝަން ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުނިތަކާ ޙަވާލުކޮށްގެން މި މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ވަނީ މަޢުލޫމާތު ދީފައެވެ.
އެގޮތުން މި ހައުސިންގ ޔުނިޓްތައް ޢިމާރަތްކުރާ ކުންފުނިތަކަކީ، ސީއެމްއީސީގެ އިތުރުން ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)، އަދި ރާއްޖޭގެ ކުންފުނިތައް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ރަޝީދު ކަރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.












