ދެ އިންތިޙާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގެ ޤާނޫނީ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި، ރާއްޖޭގެ ފުންނާބު އުސް ދެ ޤާނޫނީ ވަކީލުން ކަމަށްވާ ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝުކޫރާއި، ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅަކީ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ޤާނޫނީ ގޮތުން އޮތްގޮތުގެ ސައްޙަ މަޢުލޫމާތު ހޯދުމަށް އައްޑޫ ސިޓީގެ ގިނަ ރައްޔިތުން އެދެމުންދާތީ، އެ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ހިންގާ ޚާއްސަ ކެމްޕެއިން ހަރަކާތެކެވެ. މާދަމާ، 30 މާރޗް 2026 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތްތަކުގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގެ ޤާނޫނީ އިޖުރާއަތްތަކާ މެދު ރައްޔިތުންގެ މެދުގައި ހުރި ސުވާލުތަކަށް ޖަވާބު ދެއްވާނެއެވެ.
ހަރަކާތްތައް އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެގިފައެވެ .އެގޮތުން މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބާއްވާ އިވެންޓް އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ފޭދޫ ކަސްޓަމްސް އޮޑިޓޯރިއަމްގައެވެ. ހިތަދޫ ރައްޔިތުންނަށް ޚާއްސަކޮށްގެން ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާ މެންދުރުފަހު 14:00 ގައި، ހިތަދޫގައެވެ. އަދި ހުޅުމީދޫގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބާއްވާ އިވެންޓް އޮންނާނީ މިރޭ އެ އަވަށުގައެވެ.
މި ކެމްޕެއިން ހަރަކާތުގެ މައިގަނޑު ބޭނުމަކީ އިންތިޚާބުތަކާ ގުޅިގެން ކުރިއަށްދާ ފެންނަ ނުފެންނަ ވޯޓުގެ ޤާނޫނީ އިޖުރާއަތްތަކާ މެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ޤާނޫނީ މާހިރުންގެ އެހީތެރިކަމާއެކު ޖަވާބު ހޯދައިދިނުން ކަމަށް މި ކެމްޕެއިން ޓީމުން މައުލޫމާތު ދެއެވެ.













