މީގެ 12 އަހަރު ކުރިން މާލޭގެ ޢިމާރާތަކުން ބަރަހަނާ ޙާލުގައި ކާރެއްގެ މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި ހިމެނޭ މީހަކީ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ ނޫން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޔަޤީންކޮށްދީފިއެވެ.
ފުލުހުން މިކަން ޔަޤީންކޮށްދީފައި މިވަނީ، މީސް މީޑިއާގެ އެކި މަންސަތަކުގައި، ޝިއުނާގެ އަބުރުކަތިލުމުގެ ގޮތުން އިދިކޮޅުގެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކާ ގުޅިގެން، އެކަން ހިނގި ގޮތް ސާފުކޮށްދިނުމަށް އެދި އޭނާ ފުލުހުންގެ އިދާރާއަށް ފޮނުވި މެއިލްއަކަށް ދިން ޖަވާބުގައެވެ. ފުލުހުން މި މަޢުލޫމާތު ކަށަވަރުކޮށްދީ ޝިއުނާއަށް ޖަވާބު ފޮނުވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އަބުރު ކަތިލުމަށް ފާއިތުވެދިޔަ 6 އަހަރު ތެރޭގައި ތަކުރާރުކޮށް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދިޔަ އަދި މިއަދުވެސް ދައުރުކުރަމުންދާ “ބަރަހަނާ ހާލު ކާރު މައްޗަށް ވެއްޓޭ” ވީޑިއޯގައިވަނީ އަހަރެން (މަރްޔަމް ޝިއުނާ) ނޫންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ރަސްމީކޮށް ބުނެދީފި.الحمد لله… pic.twitter.com/11RtDO6ZVY
— Mariyam Shiuna (@shiuna_m) March 29, 2026
އެގޮތުން މިމަހުގެ 12 ވަނަ ދުވަހު ޝިއުނާ ފުލުހުންގެ އިދާރާއަށް މިކަން ހިނގި ގޮތް ސާފުކޮށްދިނުމަށް އެދި ފޮނުވި މެއިލްއަށް ޖަވާބުދެމުން ފުލުހުން ބުނެފައިވަނީ، 31 އޮގަސްޓް 2013 ވަނަ ދުވަހު މާލޭގައި ހުންނަ ގެއެއްގެ ތިންވަނަ ފަންގިފިލާއިން މަގުމަތީގައި އޮތް ކާރެއްގެ މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ، ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ފެނިގެން އެ މައްސަލަ ތަޙުޤީޤުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ކޭސް ނަންބަރަކީ LC2013/14729 އެވެ.
”އެ މައްސަލައިގެ ކޭސްފައިލަށް ބަލާއިރު 2013 އޯގަސްޓް 31 ވަނަ ދުވަހު ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓިފައި އޮތް. އަންހެން މީހާގެ، ބަޔާނާއި އެ މައްސަލައިގައި، ސުވާލުކުރެވުނު އިތުރު މީހުންގެ ބަޔާންތަކާއި ކަން ހިނގާފައިވާގޮތުގެ، ލިޔުންތައް އެބަހުއްޓެވެ. އެ ލިޔުންތަކުން، ވެއްޓުނު އަންހެން މީހާއަކީ، ތިފަރާތް މަރިޔަމް ޝިއުނާ، ނޫންކަން އެނގެއެވެ.“ – ފުލުހުންގެ ޖަވާބުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ޝިއުނާ އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަބުރު ކަތިލުމަށް ފާއިތުވެދިޔަ ހަ އަހަރުދުވަހުގެ ތެރޭގައި ތަކުރާރުކޮށް މީސް މީޑިއާގައި ދައުރުކުރަމުންދިޔަ އަދި މިއަދުވެސް ދައުރުކުރަމުންދާ “ބަރަހަނާ ޙާލު ކާރު މައްޗަށް ވެއްޓޭ” ވީޑިއޯގައިވަނީ އޭނާ ނޫންކަމަށް ފުލުހުން ރަސްމީކޮށް ބުނެދީފި ކަމަށެވެ.
މީގެއިތުރުން ފާއިތުވެދިޔަ ދުވަސްތަކުގައި އެ ވީޑިއޯއިން ފެންނަ އަންހެން މީހާއަކީ ޝިއުނާ ކަމަށް ބުނެ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ދައްކަމުންދިޔަ ފަރާތްތަކަށް ރައްދުދީ އެއީ އޭނާ ނޫންކަން ތަކުރާރުކޮށް ބުނެދީފައިވާނެ ކަމަށާއި، ނަމަވެސް މި ދޮގު ތުޙުމަތު އޭނާގެ ބޮލުގައި އަޅުވައިގެން ނަފްސާނީ އޭނާ ގޮތުން ބަލިކުރަން އުޅުނު ކަމަށް ޝިއުނާ ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޝިއުނާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިންވެސް ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގެ އިސް ސަފުން ފެނިގެން ގޮސްފައިވާ ފަރާތެކެވެ. ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތް ފަހުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮރމޭޝަން އެންޑް އަރޓްސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު ޝިއުނާ ވަނީ އަދާކުރައްވައިފައެވެ.













