އީރާނުން ބޭނުން ޖެހިއްޖެ ޙާލަތެއްގައި އީރާނަށް އެހީވުމަށް ޔަމަނުގެ ޙޫޠީން އަނެއްކާ ވެސް ރަތް ކަނޑަށް ހަމަލާ ދިނުމަށް ތައްޔާރަށް އޮތް ކަމަށް ބުނެ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް، ޔަމަނުގެ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ވަދެ، ޔަހޫދީންގެ ނިރުބަވެރި ދައުލަތަށް ޙަމަލާތައް އަމާޒުކުރަން ފަށައިފިއެވެ.
ޔަހޫދީންގެ ނިރުބަވެރި ފައުޖުން ބުނީ، ޔަމަނުން އަމާޒުކުރަމުންދާ ވައިގެ ޙަމަލާތަކުން ދިފާޢުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޙޫޘީންގެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ، އީރާނާއި ލުބްނާނު އިރާޤު އަދި ފަލަސްޠީންގެ ސަރަޙައްދުތަކުގައި ޔަހޫދީން ހިންގަމުންދާ ނިރުބަވެރި ޢުދުވާނުތައް ހުއްޓައިލަންދެން، ޔަހޫދީންނަށް ޙަމަލާދިނުން ހުއްޓައިނުލާނެ ކަމަށެވެ.
ޔަހޫދީންނާއި އެމެރިކާ ގުޅިގެން ހުސްވި ފެބްރުއަރީމަހުގެ 28 ވަނަ ދުވަހުން ފެށިގެން އީރާނާއި ދެކޮޅަށް ކުރަމުންދާ ނިރުބަވެރި ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ވަނީ އިޤްތިޞާދީ ގޮތުން ބޮޑެތި ލޮޅުންތައް އައިސްފައެވެ. އީރާނުން ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމަށް ދަތިކުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ހަކަތައިގެ އަގު ދަނީ އިންތިހާއަށް އުފުލެމުންނެވެ. އެމެރިކާގެ މި ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދު ހުއްޓުމަކަށް އައުމަކީ އިންސާފެއްނޫން ކަމަށް ބޭރު ދުނިޔޭގެ ގިނަ ޤަުމުތަކާއި، މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އީރާނަށް ތާއީދުކުރާ ލުބުނާނުގެ ޙިޒްބުاللهއާއި ޢިރާޤުގެ ޖަމާޢަތްތަކުން މިހާރު ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެ އެމެރިކާއާއި ޔަހޫދީންނަށް އަމާޒުކޮށް ޙަމަލާ ދޭން ފަަށައިފައެވެ. ނަމަވެސް ހަނގުރާމައިގެ ތެރެއަށް މިހާ ތަނަށް އަދި ޔަމަނުން ވަދެފައެއް ނުވެއެވެ.
އެހެން ނަމަވެސް ޙޫޠީންގެ ފަރާތުން ވާހަކަ ދެއްކެވި އިސް ބޭފުޅަކު ވިދާޅުވީ އީރާނު ހަނގުރާމައާ ގުޅިގެން ޙޫޠީން ތިބީ އަސްކަރީ ގޮތުން ތައްޔާރީ ޙާލަތުގައި ކަމަށާއި ހަނގުރާމައިގެ ޙޫޠީން ޙާލަތު ގާތުން ބަލަމުންދާ ކަމަށެވެ. އަދި ހަނގުރާމައިގެ ތެރެއަށް ވަންނަންވީ ވަގުތު އައިސް ޖެހުމުން އެ ކަން އެ ޖަމާޢަތަށް ސާފުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަނގުރާމައިގައި އީރާން މިހާތަނަށް ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި، ކޮންމެ ދުވަހަކު ވެސް ދުޝްމަނުން ބަލިކުރަމުންދާ ކަމަށް އޭނާ ވިދާޅުވުއެވެ. ހަނގުރާމައިގައި ވަރުގަދަކޮށް އޮތީ ވެސް އީރާނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެ ޙާލަތު ބަދަލުވާން ފަށައިފި ނަމަ ދެން ކުރިއަށް ދާނެ ގޮތަކާ މެދު ގޮތެެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޙޫޠީން މީގެ ކުރިން ދިޔައީ ފަލަސްޠީނާއެކު ވާ ކަމަށް ބުނެ ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންނާއި އެމެރިކާގެ މަސްލަހަތުއޮތް ބޯޓުފަހަރަށް ޙަމަލާ ދެމުންނެވެ. އެ ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ޝިޕިންގ ދާއިރާއަށާއި ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ހުރުމުޒު ކަނޑުއޮޅި ވެސް އެއްބަޔަކަށް ބަންދުވެފައި މި ވާ ދަނޑިވަޅުގައި ރަތް ކަނޑުން ދަތުރުކުރާ އާގުބޯޓު ފަހަރަށް ޙަމަލާ ދޭނަމަ ދުނިޔޭގެ އިޤްތިޞާދު އިތުރަށް ގޯސްވެގެން ދާނެ ކަމަށް ޤަބޫލުކުރެވެއެވެ.
ޙޫޠީންގެ ޙަމަލާތައް އަމާޒުކުރާނެ ކަމަށް ބެލެވެނީ ޔަމަން ކައިރީގައި އޮންނަ ބާބް އަލް-މަންދަބު ކަނޑުއޮޅިއަށެވެ. މިއީ ހުރުމުޒު ކަނޑުއޮޅި ބަންދުވެފައި މި ވާ ޙާލަތުގައި ސުއޭޒް ކެނަލްއާ ދިމާލަށް ދަތުރުކުރާ އުޅަނދުތައް ހުރަސްކުރުމަށް ބޭނުންކުރަމުންދާ ކަނޑުއޮޅިއެކެވެ.













