ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިދުވަސްވަރު އެންމެ ގަދައަށް ދައްކަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ދައްކާ ވާހަކަތަކެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 03 ޖަނަވަރީ 2026 ދުވަހުއެވެ. އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 10 ފެބުރުވަރީ 2026 ދުވަހުއެވެ. މި ބިލަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، އެކަން އެމަގުން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު އިޞްލާޙުކުރުމަށްޓަކައި، ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެކެވެ.
މި އިޞްލާޙާ ދެކޮޅު ފަރާތްތަކުން ގެންދަނީ މި އިޞްލާޙުގެ ޤާނޫނީ ޞައްޙަކަމާމެދު ސުވާލު އުފައްދަމުންނެވެ. އެހެންކަމުން، މި އިޞްލާޙާ ގުޅިގެން ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ކުރިން ރައްޔިތުން ކޮންމެހެންވެސް އެނގެން ބޭނުންވާނެ، އަދި ރައްޔިތުންނަށް ކޮންމެހެންވެސް އެނގެންޖެހޭ އެއްކަމަކީ މި އިޞްލާޙުގެ ޤާނޫނީ ޞައްޙަކެމެވެ. މި އިޞްލާޙަކީ ހަމަ ޙަޤީޤަތުގައިވެސް ޤާނޫނީ ހަމަތަކުގެ މަތިން ގެނެވޭ، ޤާނޫނީގޮތުން ޞައްޙަ އިޞްލާޙެއްތޯއެވެ؟
މި ސުވާލުގެ އެންމެ ކުރު ޖަވާބަކީ އާނއެކެވެ. މި އިޞްލާޙަކީ ޤާނޫނީ ހަމަތަކުގެ މަތިން، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ގެންނަ އިޞްލާޙެކެވެ. އަދި މިއީ ހަމައެކަނި ޤާނޫނީ ހަމަތަކުގެ މަތިން ގެނެވޭ އިޞްލާޙެއް އެކަންޏެއްވެސް ނޫނެވެ. މިއީ ޑިމޮކްރަސީގެ އެންމެ ރިވެތި އުޞޫލާ އެއްގޮތަށް ރައްޔިތުންގެ ޚިޔާލު ހޯދައިގެން، ރައްޔިތުން މިބަދަލަށް ރުހި ޤަބޫލުނަމަ ގެނެވޭ ނިޒާމީ ބަދަލެކެވެ.

ޤާނޫނުއަސާސީއަށް ގެންނަން މިއުޅޭ އިޞްލާޙުގެ ޤާނޫނީ ޞައްޙަކަން ތަފްޞީލުކޮށް ހުއްޖަތާއެކު ބަޔާންކުރުމަށްޓަކައި މި ލިޔުމުގައި ހިމަނާނީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ޤާނޫނު ނަންބަރު: (15/2025) ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު އާއި އެކަމާގުޅޭ ޤަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާއި، މިކަމާގުޅޭގޮތުން ޢަމަލުކޮށްފައިވާ ގޮތެވެ.
ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ، ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ބަޔާންކުރާ މާއްދާ އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރަންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިޞްލާޙެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަކަމުގައެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރަނީ، އެފަދަ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި، އެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާ ނިންމަންވާނެކަމަށެވެ. އަދި އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ޤަރާރަކުންކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރުގައި ހިމަނަންޖެހޭ ކަންތައްތައް ބަޔާންކޮށްފައި އޮތީ އެ ޤާނޫނުގެ 8 ވަނަ މާއްދާގައެވެ. އެކަންކަމަކީ:
(ހ) ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ ޢިބާރާތް
(ށ) އެ މައްސަލައިގައި ރައްޔިތުންގެ ޚިޔާލު ހޯދުމުށް އެދި ހުށަހަޅާ ސަބަބު، އަދި
(ނ) ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތެވެ.

މި ޤަރާރާއެކު، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި، އަދި އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މަޢުލޫމާތު ކަރުދާހެއް ހިމަނާފައި އޮންނަންވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރުގައިވާ ގޮތުގެމަތިން ވޯޓު ނެގުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްދިނުމަށް އެދި އެ ޤަރާރާއި، ޤަރާރާއެކު ހިމެނޭ މަޢުލޫމާތު ކަރުދާސް ހުށަހަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަނަށެވެ.
އިލެކްޝަންސް ކޮމިޝަނަށް އެ ހުށަހެޅުން ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 5 ދުވަހުގެ ތެރޭގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހެޅި ސުވާލުގެ ފުރިހަމަ ޢިބާރާތް އެ ކޮމިޝަނުން ޢާންމުކުރަންވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއެކު ހިމެނޭ މަޢުލޫމާތު ކަރުދާސް، ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރަންވާނެއެވެ. ވޯޓު ނެގުން ބާއްވާނެ ތާރީޚަކާއި، ވޯޓުލުން ކުރިއަށްދާނެ ގޮތަކާއި އަދި ވޯޓު ނެގުމާގުޅޭ އެންމެހައި ކަންކަން ނިންމާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުންނެވެ.
ޤާނޫނު ލާޒިމުކުރަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަހުގެ، އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮތުމަށެވެ. އަދި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު ޢާންމުކުރާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި، ވޯޓު ނެގުން ބާއްވާނެ ދުވަހެއް ޢާންމުކޮށް އަންގާ އިޢުލާންކުރުމަށެވެ.
ދެ އިންތިޚާބު އެއްދުވަހަކަށް: ސިޔާސީ ރައުޔު އިދިކީލިއެއް ކަމަކު ވެރިންގެ ވިސްނުން އެއްގަލަކަށް !
މިކަމާ ގުޅޭގޮތުން ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް 16 ފެބުރުވަރީ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން ކަނޑައެޅިއެވެ. އެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި، ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު ބަޔާންކޮށްފައި އެބައޮތެވެ. އަދި ޤަރާރާއެކު ހިމެނޭ މަޢުލޫމާތު ކަރުދާހުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި، އަދި އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތައް ބަޔާންކޮށްފައި އެބައޮތެވެ. މި ޤަރާރާއި މަޢުލޫމާތު ކަރުދާހަކީ 16 ފެބުރުވަރީ 2026 ދުވަހު ގެޒެޓްކޮށްފައިވާ އެއްޗެއްސަށްވާތީ އޭގައި ހުރި ތަފްޞީލުތަކަކަށް ނުދާނަމެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ ނެރުނު ޤަރާރާއި، އެ ޤަރާރާއެކު ހިމެނޭ މަޢުލޫމާތު ކަރުދާހާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނަގައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާކަމަށް 17 ފެބުރުވަރީ 2026 ދުވަހު އެ ކޮމިޝަނުން ޢާންމުކޮށް އިޢުލާނުކޮށްފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއި، ސުވާލާއި، މަޢުލޫމާތު ކަރުދާސް އެ އިޢުލާނާއެކު ޢާންމުކޮށްފައިވެއެވެ. ހަމަ މިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކުރާ ސުވާލަށް ރައްޔިތުން ރުހޭތޯ ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނަގާނީ 04 އެޕްރީލް 2026 ދުވަހުކަމަށްވެސް އެ ކޮމިޝަނުން 17 ފެބުރުވަރީ 2026 ދުވަހު އިޢުލާންކޮށްފައިވެއެވެ.
އިދިކޮޅު ޕާޓީ ތަކަކީ ހުރިހާ ކަމަކާ އިދިކޮޅުވާންތިބޭ ބައެއްތަ؟
އެހެންކަމުން، ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން މިކަމުގައި ފުރިހަމަވޭހެއްޔެވެ؟
އާންއެކެވެ. ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤުކުރުމުގެ ކުރިން އެ އިޞްލާޙު ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނެއެވެ.
އެ ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޤަރާރަކުންނެވެ. އެ ޤަރާރުގައި ހިމަނަންޖެހޭކަމަށް ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ 3 ކަންތައް އެ ޤަރާރުގައި ހިމަނާފައި އެބައޮތެވެ. އަދި އެ ޤަރާރާއެކު އޮންނަންވާނެކަމަށް ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ މަޢުލޫމާތު ކަރުދާސްވެސް ޤަރާރާއެކު އޮތީ ހިމަނާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއި މަޢުލޫމާތު ކަރުދާސް ހިމެނޭގޮތަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް އެދި ހުށަހަޅާ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާކަމަށް 17 ފެބުރުވަރީ 2026 ދުވަހު އެ ކޮމިޝަނުން އިޢުލާންކޮށްފައިވާތީ، އެއޮތީ ޤާނޫނުގެ 9 ވަނަ މާއްދާއާއި 13 ވަނަ މާއްދާގައި ބަޔާންކުރާގޮތަށް ޢަމަލުކޮށްފައެވެ. ހަމަމިއާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލުގެ ފުރިހަމަ ޢިބާރާތާއި، މަޢުލޫމާތު ކަރުދާހާއި، ވޯޓު ނަގާނެ ތާރީޚު ހަމަ އެ ދުވަހު އެ ކޮމިޝަނުން އިޢުލާންކޮށްފައިވާތީ ޤާނޫނުގެ 15 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައި ބަޔާންކުރާ ކަންތައްތައް އެއޮތީ ފުރިހަމަވެފައެވެ.
ކުރިންވެސް ބަޔާންކުރި ފަދައިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ހުށަހެޅުން ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރީ 17 ފެބުރުވަރީ 2026 ދުވަހުއެވެ. އެ ކޮމިޝަނުން ވޯޓު ނެގުމަށް ކަނޑައެޅި ތާރީޚަކީ 04 އެޕްރީލް 2026 ދުވަހެވެ. މި ދެމެދުގައި އޮތީ 47 ދުވަހުގެ މުއްދަތެވެ. ވޯޓު ނެގުމަށް އެދި ހުށަހެޅި ދުވަހާއި ވޯޓު ނެގުމަށް ހަމަޖެއްސި ދުވަސް ނުލައި ގުނި ނަމަވެސް 45 ދުވަހުގެ މުއްދަތެއް އެބައޮތެވެ. އެހެންކަމުން ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު އެބަ ފުރިހަމަވެއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ކެމްޕޭންކުރުމުގެ ޙައްޤަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. އަދި އެކަމާގުޅޭ އާންމު މަޢުލޫމާތު ޙިއްސާކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތައް ހިންގުމުގެ ޙައްޤު ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާތަކަށާއި، ޤާނޫނީ ޝަޚްޞުތަކަށާއި، ވަކިވަކި ފަރުދުންނަށްވެސް އެ މާއްދާއިންވަނީ ކަށަވަރުކޮށްދީފައެވެ.
އެހެންކަމުން، ޤާނޫނު ހުއްދަކުރާ މުއްދަތުގެ ތެރޭގައި ބާއްވާ އިންތިޚާބަކާ ގުޅޭގޮތުން ކެމްޕޭންކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ނެތްކަމަށް ދެންނެވޭކަށެއްވެސް ނެތެވެ. އަދި ޖުމްލަގޮތެއްގައި މިއީ އަވަސް އަރުވާލައިގެން ޤާނޫނާ ޚިލާފަށް ނަގާ ވޯޓެއްކަމަށް ދެންނެވޭނެ ޤާނޫނީ ހަމައެއްވެސް ނެތެވެ.
މި ހުރިހާކަމެއް މިގޮތަށް އޮތުމުން، ޤާނޫނުއަސާސީއަށް ގެންނަން އުޅޭ އިޞްލާޙާއި، އެ އިޞްލާޙަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި ނަގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި، ޤާނޫނުއަސާސީއާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނާއި، އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެއެވެ. އެހެންކަމުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، އެކަން އެމަގުން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު އިޞްލާޙުކުރުމަށްޓަކައި، ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލާއި، އެ އިޞްލާޙާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓާ ގުޅިގެން ޢަމަލުކޮށްފައިވާ ގޮތްތަކުގައި ޣައިރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ ހަމަ އެންމެ ކަމެއްވެސް ނެތެވެ. އަދި މިއީ ޣައިރު ދުސްތޫރީ އިޞްލާޙެއްކަމަށް ދަންނަވާނެ ކުޑަވެސް ޖާގައެއް ނެތެވެ. އެ ޖާގަ އޮތްނަމަ މި އިޞްލާޙާ ދެކޮޅު ބޭފުޅުން މިހާރު އޮންނާނީ އެ މައްސަލައެއް ކޯޓަށް ހުށަހަޅާފައެވެ. އެފަދަ މައްސަލައެއް ނެތެވެ.
ވީމާ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙަކީ ޤާނޫނީ ޞައްޙަ އިޞްލާޙެކެވެ. އަދި އެ އިޞްލާޙަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަކީވެސް ޤާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ނެގޭ ވޯޓެކެވެ. މި ނިޒާމީ ބަދަލު ގެންނާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔިތުންނެވެ. މިބަދަލު ގެނައުމަށް ރައްޔިތުން ނިންމާ ޙާލަތެއްގައި، ރައްޔިތުންގެ ނިންމުމަކީވެސް ޤާނޫނީ ޞައްޙަ ނިންމުމެކެވެ.




