ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާއި ޙަވާލުކޮށްގެން ވިލިމާލޭގައި ތަރައްޤީކުރާ 300 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފިއެވެ.
ވިލިމާލޭގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ ބިންގާއެޅުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ އެކަމަށްޓަކައި މިރޭ ވިލިމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބުގެ އިތުރުން ބީއެމްއެލްއާއި އާރްސީސީގެ އިސްވެރިންނެވެ.
މިރޭ ފެށި މި މަޝްރޫޢުގެ ދަށުން، 17 ފަންގިފިލާގެ ތިން ޓަވަރު، ވިލިމާލޭގައި ތަރައްޤީކުރެވިގެންދާނެއެވެ. އެއީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕަރޓްމަންޓް ހިމެނޭ ހައުސިންގ ޔުނިޓްތަކެކެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގެ ފެހިކަން ނުގެއްލޭނެހެން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
”އެފޯޑަބަލް ހައުސިންގ“ ގެ ނަމުގައި ބީއެމްއެލް އިން ކުރިއަށްގެންދާ މި މަޝްރޫޢަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ”ބީއެމްއެލް އެފޯރޑަބަލް ހޯމް ލީސިންގ“ މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ ކުއްޔަށް ހިފުމަށްފަހު ތަން މިލްކުކުރެވޭ ގޮތަށް ފަހިކޮށްދީފައިވާ ފުރުޞަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލޭގެ ދެ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ޖުމްލަ 3،260 ހައުސިންގ ޔުނިޓް ތަރައްޤީކުރާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ، މި ހިނގާ 2026 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށްދާނެ އަހަރެއް ކަމަށް ވިދާޅުވެފައެވެ.












