ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލަކުން ބޭނުން ކުރެވޭނެގޮތް ހަމަޖައްސާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިކަން ހާމަކޮށްފައިވަނީ، އެމިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އަމީން ވިދާޅުވީ، އެ މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދެމުން ދިޔަ ނަމަވެސް ތަފާތު ޕޯޓަލްތަކުން އެ މަސައްކަތް ކުރަމުންދާތީ ރައްޔިތުންނަށް އުދަގޫތަކާ ކުރިމަތިވާ ކަމަށެވެ.
އެހެން ކަމުން އެ މިނިސްޓްރީގެ ހުރިހާ ޚިދުމަތަކަށް އެދިވަޑައިގަތަސް އެއް ޕޯޓަލެއްގެ ތެރެއިން އެކަންތައް ހަމަޖެއްސޭނެ އިންތިޒާމެއްގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަމާޒަކީ ކުރިއަށް އޮތް ތިން މަސް ނުވަތަ ހަތަރު މަސްތެރޭ އެއް ޕޯޓަަލަކުން ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ހަމަޖެއްސުން ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މިނިސްޓްރީގެ ގިނަ ޚިދުމަތްތައް ތަފާތު ޕޯޓަލްއަކުން މަސައްކަތް ކުރަން ޖެހުނީމަ އެއީ އުދަގޫވާ ކަމެއްގެ ގޮތުގައި ފާހަގަވެފައި އޮންނާތީ، މިނިސްޓްރީގައި ހުރިހާ ޚިދުމަތަކަށް އެދިވަޑައިގަތަސް އެއް ޕޯޓަލްއެއްގެ ތެރެއިން އެކަންތައް ހަމަޖެއްސޭނެ އިންތިޒާމެއް އިރާދަކުރެއްވިއްޔާ ހަމަޖައްސަން މިހާރު ފަށައިފީމު.
– މިނިސްޓަރ އަމީން
ޓްރާންސްޕޯޓު މިނިސްޓްރީގެ އިންތިޒާމްތައް ރަނގަޅުކުރަން ޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިހާރު އެންމެ ފުރަތަމަ ބަދަލެއްގެ ގޮތުގައި އައިޓީ އަދި ޕީއާރު ސެކްޝަނެއް އުފައްދަން ޖެހޭކަމަށެވެ.












