ރައްޔިތުން އިސްކުރުމުގެ އެއްވެސް ވިސްނުމެއް އެމްޑީޕީގެ ނެތް ކަމަށާއި އެމްޑީޕީއަކީ އަބަދުވެސް އިންތިޚާބުތަކަށް ޖެހިލުންވާ ބައެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިޙްސާން މި މޭރުމުން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ފަރާތުން އައްޑޫ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް، އެ ޕާޓީން އިއްޔެ އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
އިދިކޮޅު ފަރާތްތަކުން މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ދެކޮޅުހަދައި އެކަމާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ދައްކަމުން އަންނަ މައްސަލައާ ގުޅިގެން މިނިސްޓަރު އިޙްސާން ވިދާޅުވީ، އިންތިޚާބުތަކުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން އެމްޑީޕީން އަބަދުވެސް އިންތިޚާބުތަކަށް ޖެހިލުންވާ ކަމަށެވެ.
އެމްޑީޕީއަކީ ރައްޔިތުން އިސްކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅޭ ޕާޓީއެއްނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މައި ދެ އިންތިޚާބު ބޭއްވުމަށް ސަރުކާރުން ބޭނުންވަނީ، ރައްޔިތުންގެ ބައިތުލްމާލުން ބައިވަރު ފައިސާ ޚަރަދުކުރަންޖެހޭތީ ކަމަށެވެ.
”އެއްދުވަހު ބޭއްވިޔަސް ދެ އިންތިޚާބު މި އޮންނަނީ ވަކިވަކިން، ދެ އިންތިޚާބުގައި ރައްޔިތުންނަށް ލިބޭ ފުރުޞަތު ރައްޔިތުން ގޮތް ނިންމަން މި ލިބެނީ އިނގޭތޯ، ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އިޚްލާޞްތެރިކަމެއް ނެތްކަން ރައްޔިތުން ގާތު މި ވާހަކަ އަހަންވެސް އެމްޑީޕީ ދެކޮޅު، މިހާރު އަދި މި އުޅެނީ ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވާކަށް ނޫނޭ، އެއްދުވަހެއްގައި ބާއްވަން ރައްޔިތުންނަށް ފެނިވަޑައިގަންނަވާތޯ ބަލަން، މިކަމާވެސް އަސާސީ ގޮތުން ދެކޮޅުވެއްޖިއްޔާ ޑިމޮކްރަސީގެ ބޮޑު ރޫޙަކާ ނޫންތޯ މި ޚިލާފުވަނީ،“ – މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.
ޑިމޮކްރަސީއަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަމަކަށް ރުހި ޤަބޫލުވާ ކަންކަމަށް ދެންތިބި އެންމެންވެސް އެއްބަސްވުންކަން ފާހަގަކުރައްވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، ރައްޔިތުންނަށް އެ ފުރުޞަތު ދިނުމަށް އެމްޑީޕީން ދެކޮޅު ހެދުމަކީ އަސާސީ ޑިމޮކްރަސީގެ ވިސްނުން އެ ޕާޓީގެ ނެތްކަން ހާމަވެގެންދާ އެއް ސަބަބު ކަމަށެވެ.
”އެހެންވީމާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއޭ ކިޔަކަސް ތިލަފަތެއް ފެނުނަކަސް ޑިމޮކްރަސީގެ އަސްލު އަސާސެއް އެމްޑީޕީގެ ތެރޭގައި ނެތްކަން މިކަމުން ހާމަވެގެންދަނީ،“ – މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ ޙައްޤުތައް ގެއްލިގެންދާނޭ ކަމަށް ބުނެ އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ވެސް މިނިސްޓަރު ވަނީ ވަރުގަދަ ރައްދެއް ދެއްވައިފައެވެ. ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ޙައްޤުތައް ގެއްލޭ ސަބަބެއް އެމްޑީޕީއަށް ސާފުކޮށްދެވިފައިނުވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދެ އިންތިޚާބަކާ ޙައްޤަކާ އެއްވެސް ގުޅުމެއްވެސް ނެތް ކަމަށެވެ.
ދިވެހިންނަކީ ތަންދޮރު އޮޅުން ފިލާފައި ތިބި، ވިސްނުންތޫނު އަދި ތަޢުލީމީ ބައެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދެ އިންތިޚާބު އެއްދުވަހެއްގައި ނުވަތަ ދެ ދުވަހެއްގައި ބޭއްވުމާ މެދު ގޮތް ނިންމުމުގެ ބާރު ލިބިފައި އޮތީ ރައްޔިތުންނަށް ކަމަށެވެ. ރައްޔިތުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެކަމަށް ސަރުކާރުން މަރުޙަބާ ކިޔާނެ ކަމަށް މިނިސްޓަރު އިޙްސާން ވަނީ އިތުރަށް ވިދާޅުވެފައެވެ.













