Ads by
ޚަބަރު
“މާތް ﷲ އަށް ޓަކައި ޢިލްމު އުނގެނެން މަސައްކަތް ކުރުމީ ސުވަރުގެއަށް ކޮށޭ މަގެއް”
މާތް ﷲ އަށް ޓަކައި ޢިލްމު އުނގެނެން މަސައްކަތް ކުރުމީ ސުވަރުގެއަށް ކޮށޭ މަގެއް ކަމަށް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މާތް ﷲ ގެ ވަޖުހަފުޅަށް ޓަކައި ޢިލްމު އުނގެނުމަށް މަސައްކަތް ކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭނެ މަގެއް ކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ads by Eki Online

ދިރާސީ އާ އަހަރުގެ މައްޗަށް އަލިއަޅުވާލައި މިއަދުގެ ޚުޠުބާގައި ބުނެފައި ވަނީ ޢިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށެވެ. ޢިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ ޢިލްމާއި އާޚިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ ޢިލްމު ހިމެނޭ ކަމަށެވެ. ޢިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި ޢިލްމަކީ އަރަހުށި މާތް ﷲ ގެ އެއްކައުވަންތަކަން މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމު ކަމަށެވެ. ޢިލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެއް ކަމަށެވެ.

“ޢިލްމު އުނގެނުމަށް ވަކި ޢުމުރެއް ނޯވެއެވެ. ވަކި ޖިންސެއް ނޯވެއެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަަޅައި މަސައްކަތް ކުރާން ޖެހެއެވެ. މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އެއީ ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަމެކެވެ.”

ހުކުުރު ޚުޠުބާގައި ބުނި ގޮތުގައި ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރިން ކަމަށާއި އެ ބޭކަލުން ވާރުތަ ކުރެއްވީ ޢިލްމު ކަމުގައެވެ. ދުނިޔަވީ އެއްވެސް މާއްދީ މުދަލެއް އެބޭކަލުންގެ ކިބައިން ވާރުތަ ނުވާ ކަމުގައެވެ. އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކު ވެސް ސުވަރުގެއަށް ދިއުމަށް ޝައުޤުވެރިވާނެ ކަމަށާއި މާތް ﷲ ގެ ވަޖުހަފުޅަށް ޓަކައި ޢިލްމު އުނގެނުމަށް މަސައްކަތް ކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭނެ މަގެއްކަން ވެސް ޚުޠުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ފެށޭ ދިރާސީ އާ އަހަރަކީ ތިމާމެންގެ ދަރީންނަށާއި ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށް ހުރިހާ ގޮތަކުން ވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއް ކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށާއި ގަދައަޅައި މަސައްކަތްކޮށް އެ ދަރީންނަށް ދުނިޔެ އާއި އާޚިރަތުގައި މަންފާކުރާނެ ޢިލްމު ހޯދައިދިނުމަށް އެހީތެރިވާން މިއަދުގެ ޚުޠުބާގައި ވަނީ އެދިފައެވެ. އެ ކުދިންނަކީ އަޚްލާޤު ރަނގަޅު، ކިޔަމަންތެރި، މައިންބަފައިންނާއި ބެލެނިވެރިންގެ ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ބުރަ ބޮޑު ޒިންމާއަށް އިހުމާލު ނުވުމަށާއި އެ ކުދިންނަށް އަދާކުރަން ޖެހޭ އެންމެހާ ޙައްޤުތައް ކުޅަދާނަވީ އެންމެ ބޮޑަކަށް އަދާކުރެވޭތޯ ބެލުމަށް ޚުޠުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

“ލޮބުވެތި ދަރިވަރުންނޭވެ! ތިޔަ ދަރިވަރުންނަކީ މާދަމާ ޤައުމުގެ ވަޙްދަތު ޙިމާޔަތްކޮށް، ޤައުމުގެ ބަހާތައް ނަގަހައްޓަން ތިބޭނެ ކުދިންކަން ދަންނާށެވެ! މާތް ﷲ ތިޔަ ދަރިވަރުންގެ ޢުމުރުގައި ބަރަކާތްލައްވައި ޢިލްމުވެރި މޮޅު ދަރިންތަކަކަށް ވާނީ، އެކަލާނގެ އެންގެވި ގޮތަށް ޢަމަލުތައް ބަހައްޓައި މައިންބަފައިންނަށް ހެޔޮކޮށް ހިތައި، މުދައްރިސުންނަށް އިޙްތިރާމްކޮށް، ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތްކޮށްގެންކަން ދަންނާށެވެ! މަދްރަސީ މަރުޙަލާއަކީ އެ މަރުޙަލާއެއް ފާއިތުވެއްޖެނަމަ، ދެން އަލުން ލިބޭނެ މަރުޙަލާއެއް ނޫންކަން ދަންނާށެވެ! އެ މަރުޙަލާގައި ކިޔަވައިދޭ ތަކެތި ރަނގަޅަށް ފަހުމުވުމަކީ ވަރަށް މުހިންމު ކަމެއްކަން ދަންނާށެވެ!”

ދަރިވަރުންނަށް ﷲ ގެ ރަޙުމަތުން ލިބިފައިވާ ފަދަ ތަޢުލީމީ ފުރުޞަތަކަށް އެދިއެދި ތިބި އެތައް ހާސް ކުދިންނެއް ދުނިޔޭގައި އުޅޭކަން ދަނެ، ލިބިފައިވާ ފުރުޞަތު ބޭކާރުކޮށްނުލައި، ﷲ ގެ ވާގިފުޅާ އެކު ހިންމަތާ އެކު މަސައްކަތްކޮށް ވަގުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ޢަޒުމް އާ ކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ދަރިވަރުންގެ ކިބައިން ވަނީ އެދިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *