މާލޭ ސަރަޙައްދުގައި ސަރުކާރުން އަލަށް ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ބެޗު ރާއްޖެ ގެނެސްފިއެވެ.
މިކަމާ ގުޅިގެން މާލޭ ސަރަޙައްދުގައި މި ޚިދުމަތް ދިނުމަށް ސަރުކާރުން ޙަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވަނީ، ޓެކްސީ ލައިނަށް ޚާއްޞާކޮށްގެން ގެނައި ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް، ހުޅުމާލެ ޕޯޓުން ކްލިއަރެންސް ހެދުމުގެ މަސައްކަތް އިއްޔެ ކޮށްފައިވާ ކަމަށެވެ.
މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ޓްރާންޕޯރޓް މިނިސްޓަރު މުޙައްމަދު އަމީން އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢުދީ، އެ ސަރަޙައްދަށް ވަޑައިގެން ކަންކަން ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވެއެވެ.
މާލޭ ސަރަޙައްދުގައި ސަރުކާރުން އަލަށް ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތަށް ޖުމްލަ 150 ކާރު ގެނައުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުގެ ދަށުން ފުރަތަމަ ބެޗުގައި 60 ކާރު ވަނީ ގެނެސްފައެވެ. މި 60 ކާރަކީ ތައިލެންޑުން ގެނެސްފައިވާ ކާރުތަކެކެވެ. ދެން ބާކީ ކާރުތައް ގެންނާނީ ޗައިނާއިންނެވެ. އެ ޤައުމުން ދެ މޮޑެލެއްގެ ކާރު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ޓެކްސީ ލައިނުގެ ގޮތުގައި ބޭނުންކުރާ ކާރުތަކަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ކާރުތަކެކެވެ.
އެމްޓީސީސީން ބުނީ، މިއީ ރައްކާތެރި، އިތުބާރު ހުރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭނީ އެކަމަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ވަކި މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެމްޓީސީސީން މަޢުލޫމާތުދޭ ގޮތުގައި މި ޚިދުމަތަކީ 24 ގަޑިއިރު ފޮރުކޮށްދޭ ޚިދުމަތެކެވެ.
މާލޭ ސަރަޙައްދުގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް އެމްޓީސީސީން ޓްރާންސްޕޯރޓު މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 15 ފެބްރުއަރީ 2025 ވަނަ ދުވަހުއެވެ. މި ޚިދުމަތް ފެށުމަށް އެ ކުންފުނިން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ.













