އަތޮޅުތެރޭގެ ރަށްތަކުގައި ތަރައްޤީކުރާ ޕަބްލިކް ވަރކްސް ޔުނިޓްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް 9.1 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަރީފް މި މޭރުމުން ވިދާޅުވީ، އަތޮޅުތެރޭގެ ރަށްތަކުގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ޤާއިމުކުރާ ރަށްތަކާއި، އެ ތަންތަން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ޝަރީފް ހާމަކުރެއްވި ގޮތުގައި، ޖުމްލަ 19 އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ޤާއިމްކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން 19 ރީޖަނަލް ޔުނިޓަށާއި ހަތަރު މޮބައިލް ޔުނިޓަށް ބޭނުންވާ މެޝިނަރީޒާއި، އިކްއިޕްމަންޓް ހޯދުމަށް ޖުމްލަ 9،130،173.36 އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަލަށް ޕަބްލިކް ވަރކްސް ޔުނިޓުތައް ޤާއިމްކުރާ ރަށްތަކަކީ:
- ހއ. ދިއްދޫ
- ށ. ފުނަދޫ
- ށ. މިލަންދޫ
- ނ. މަނަދޫ
- ރ. މާކުރަތު
- ބ. އޭދަފުށި
- ޅ. ނައިފަރު
- ކ. ތުލުސްދޫ
- އއ. ރަސްދޫ
- އދ. މަހިބަދޫ
- އދ. މާމިގިލި
- ވ. ފެލިދޫ
- މ. މުލި
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ތ. ވޭމަންޑޫ
- ތ. ވިލުފުށި
- ލ. ގަން
- ގއ. ވިލިނގިލި
މި ޔުނިޓްތަކަށް ޖުމްލަ 456 މުވައްޒަފަކު ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 19 ޕަބްލިކް ވަރކްސް ޔުނިޓަށް 456 މުވައްޒަފުން އަދި ހަތަރު މޯބައިލް ޔުނިޓަށް 60 މުވައްޒަފުންނެވެ. މީގެ ތެރެއިން މިހާތަނަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން އެޕްރޫވަލް ކޮށްފައި ވަނީ 141 މަޤާމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފިނޭންސް އިން އެޕްރޫވްވަލް ކޮށްފައިވާ ރަށްތަކާއި މަޤާމުތައް:
- ހއ. ދިއްދޫ ޕަބްލިކް ވަރކްސް ޔުނިޓަށް 24 މަޤާމު
- ނ. މަނަދޫ ޕަބްލިކް ވަރކްސް ޔުނިޓަށް 24 މަޤާމު
- އދ. މަހިބަދޫ ޕަބްލިކް ވަރކްސް ޔުނިޓަށް 22 މަޤާމު
- ވ. ފެލިދޫ ޕަބްލިކް ވަރކްސް ޔުނިޓަށް 24 މަޤާމު
- ތ. ވޭމަންޑޫ ޕަބްލިކް ވަރކްސް ޔުނިޓަށް 23 މަޤާމު
- ގއ. ވިލިނގިލި ޕަބްލިކް ވަރކްސް ޔުނިޓަށް 24 މަޤާމު
މިނިސްޓަރު ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ، އޮފީސް ޢިމާރާތާއި، ގަރާޖުފަދަ ތަންތަން ހެދުމަށް ބޭނުންވާ ބަޖެޓާއެކު ފިނޭންސް މިނިސްޓްރީއަށް މިހާރު ހުށަޅާފައިވާ ކަމަށެވެ.












