Ads by
ޚަބަރު
ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު އަނބުރާ މަޖިލިހަށް ފޮނުއްވައިފި
ރައީސް މުޢިއްޒު: ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލިހަށް ވަނީ ފޮނުއްވާފައި - ފޮޓޯ:ރައީސް އޮފީސް

ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލުކޮށްފައި ނުވާ ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރުމަށް ލާޒިމްވާ ގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ތަސްދީގު ނުކުރައްވާ އަނބުރާ ރައްޔިތުންގެ މަޖިލިހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

Ads by Eki Online

ރައީސް އޮފީހުން ބުނީ ބިމާ ބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިހުގައި ރައީސް އެދިވަޑައިގެން، އެ މި ބިލު ތަސްތީގު ނުކުރައްވާ އަނބުރާ ފޮނުއްވާފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ފަސް އަހަރުގެ ދައުރު ހަމަވި 19 ވަނަ މަޖިލިހުން މި ބިލު ފާސްކޮށްފައި ވަނީ އެޕްރީލު މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ. މަޖިލިހުގައި އަގުލަބިއްޔަތު ކޮންޓްރޯލްކުރާ އެމްޑީޕީގެ މެންބަރުންގެ ވޯޓުން ބިލު ފާސްކޮށް، ތަސްދީގު ކުރުމަށް އެދި ރައީސް އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ފެށި “ބިންވެރިޔާ” ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފައި ވިނަމަވެސް، އެތައް ދުވަހެއް ވީއިރުވެސް މި ސަރުކާރުން އެ ގޯތިތައް ހަވާލުނުކުރާ ކަމަށް ބުނެއެވެ.

އެ އިސްލާހުގައި ވަނީ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ޖެހޭނެ ކަމަށާއި މިހާތަނަށް ހަވާލުކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *