ގިނަ ސިޔާސީ ޕާޓީތަކުން ތާއީދުކުރަނީ މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޔޫތް މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އެމްއެމްޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަހްލޫފް ވިދާޅުވީ، ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީއަކުން މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ފެންނަ ކަމަށް ތާއީދުކުރާ ކަމަށެވެ. އޭގެ ތެރޭގައި ޕީއެންސީ، އެމްޑީއޭ، ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ މީގެ ތެރޭގައި ހިމެނޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
”އެހެންވީމަ މާނައަކީ ގިނަ ސިޔާސީ ޕާޓީތަކަށް މި ފެންނަނީ އެއްދުވަހެއްގައި އިންތިޚާބުތައް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށް، އަދި ހަމައެހެންމެ ޙަޤީޤަތަކީ އެމްޑީޕީއަށްވެސް ކުރިން ފެނުނީ މިގޮތަށް މިކަން ކުރަން، އެއީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެސް އެއްދުވަހެއްގައި ބާއްވަން،“ – މަހްލޫފް ވިދާޅުވިއެވެ.
އެމްޑީޕީން އޭރު ނިންމި ނިންމުމަކީ މަހްލޫފް އެ ޕާޓީގައި ހުންނެވި ދުވަސްވަރު ނިންމި ނިންމުމެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ނަމަވެސް މިއަދު އެމްޑީޕީން މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދަނީ ވެރިކަންކުރާ ޕީއެންސީން އެގޮތަށް އެކަން ނިންމުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް އިދިކޮޅު އެމްޑީޕީން މިހާރު ދެކޮޅު ހަދަމުން ދިޔަ ނަމަވެސް، މީގެ ކުރިން އެ ޕާޓީގެ ބައެއް އިސް ފަރާތްތަކުން ވަނީ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ތިން އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ފެންނަ ކަމަށް ވިދާޅުވެފައެވެ.












