މާލޭ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.
ސަރަނގު އާދަމް މަނިކު މި ނިންމެވުން ނިންމެވިކަން ހާމަކުރެއްވީ، ޕީއެންސީން މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން، މޫސާ ޖަލީލުއާއި ބައްދަލުކުރެއްވުމަށްފަހު، މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
އޭނާ ވިދާޅުވީ، މޫސާ ޢަލީ ޖަލީލަށް ދެވޭ ކޮންމެ ވޯޓަކީ މާލޭ ސިޓީއަށް ދެވޭނެ ވޯޓެއް ކަމަށާއި ސަބަބަކީ ޖަލީލަކީ ހުރިހާ ގޮތަކުން ވެސް މާލޭ ސިޓީއަށް ނިސްބަތްވާ ބޭފުޅެއް ކަމުގައިވާތީ ކަމަށެވެ.
ވެރިކަން ކުރާ ޕާޓީން ކޮށްދިން ކަމަކުން މެނުވީ މިއަދު މާލޭ ސިޓީއަށް އެއްވެސް ފައިދާއެއް ނުކުރާނެކަން ފާހަގަކުރައްވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވީ، ފައިސާއާއި ޤާބިލުކަންވެސް ހުރީ ސަރުކާރުގައި ކަމަށެވެ. އެހެންކަމުން ސަރުކާރު ކެންޑިޑޭޓަކު ނޫން ކެންޑިޑޭޓަކު އިންތިޚާބުކޮށްފި ނަމަ އެކަމުގެ ދެރައާއި ހިތާމައާ ކުރިމަތިލާންޖެހިދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
”މޫސާ ޢަލީ ޖަލީލަށް ދެވޭ ކޮންމެ ވޯޓަކީ މާލޭ ސިޓީއަށް ދެވޭނެ ވޯޓެއް، ސަބަބަކީ ޖަލީލަކީ ހުރިހާ ގޮތަކުން ވެސް މާލޭ ސިޓީއަށް ނިސްބަތްވާ ބޭފުޅެއް ކަމުގައިވާތީ“: އާދަމް މަނިކް ވިދާޅުވިއެވެ.
އެމްޑީޕީއަށް ނިސްބަތްވާ މާލޭ ސިޓީގެ ކުރީގެ މޭޔަރުންގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވީ، އެ މީހުން މާލޭ ސިޓީއަށް ބޭނުންވާ މުހިއްމު އެތައް ކަމެއް ކޮށްނުދީ ދޫކޮށްލާފައިވާ ކަމަށެވެ. ވަކިން ޚާއްޞަކޮށް މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދުގެ މޭޔަރު ކަމުގައި ކަންކަން ހިނގާފައި އޮތީ އެހެން ކަމަށް އޭނާ ވިދާޅުވިއެވެ.
”ޝިފާއަކަށްވެސް ކަމެއް ނުކުރެވުނެއްނޫންތޯ، އެއީ މައްސަލައަކީ އެނގޭތޯ،“ – ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ.
ސަރަނގު އާދަމް މަނިކު ފަދަ މާލޭ ސިޓީގެ މޭޔަރުކަން މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެއްގެ ތާއީދު، މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން މި ފަހަރު ވާދަކުރައްވާ ކެންޑިޑޭޓު މޫސާ ޢަލީ ޖަލީލަށް ލިބުމަކީ އެ ޕާޓީގެ ކެމްޕޭނު ހަރަކާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި ސަރަނގު އާދަމް މަނިކުއަކީ މާލޭ ސިޓީގެ އެންމެ ފުރަތަމަ މޭޔަރެވެ. އޭނާ ވަނީ މޭޔަރުކަމުގައި ދެ ދައުރެއް ފުރިހަމަ ކުރައްވައިފައެވެ.
އާދަމް މަނިކުގެ އިތުރުން މާލޭގެ ކުރީގެ މޭޔަރު މުހައްމަދު ޝިހާބުވެސް ވަނީ ސަރުކާރަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައެވެ. އެގޮތުން ބޮޑު 2 އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ފުރިހަމަޔަށް ތާއީދު ކުރައްވާ ޝިހާބު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.












