މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމެންޓް 2 އިން 5 އަށްވާ ސަރަހައްދުގެ މަސައްކަތް 2026 މާރިޗު 23 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެހެން ކަމުން މިރޭގެ 12 ޖަހާއިރުން ފެށިގެން ބޮޑުތަކުރުފާނު މަގުގެ ހަދަމުންދާ ސަރަޙައްދުގެ ޓްރެފިކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށާއި، އޭގެ ތަފްސީލު ދިވެހި ފުލުހުންގެ ޚިދުމަތުން މިވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ 2026 މާރިޗު 22 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ޗާޓުގައިވާ ގޮތަށް ބަދަލު ގެނެވި، އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ. އަދި މި ސަރަޙައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، މަތީގައި ބަޔާންކޮށްފައިވާ ވަގުތުގެ ކުރިން އެ ސަރަޙައްދުން ނެންގެވުމަށް ވެސް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމެންޓް 2 އިން 5 އަށްވާ ސަރަހައްދުގެ މަސައްކަތް 2026 މާރިޗު 23 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން، 2026 މާރިޗު 22 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން، އެ… pic.twitter.com/oqyP6R3gxA
— Maldives Police (@PoliceMv) March 21, 2026
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ގޮތުން ބަންދުކުރުމަށް ނިންމާފައިވަނީ ވަކިވަކި ސެގްމަންޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެ މަގު ބަންދުކުރުމަށް ހަމަޖެހިފައިވާ ގޮތަކީ:
- ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން، މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަޙައްދު: 21 މާރިޗުން ފެށިގެން މަސައްކަތް ނިންމައި ސަރަޙައްދު ހުޅުވެންދެން.
- މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަންބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަޙައްދު: 30 މާރިޗުން ފެށިގެން މަސައްކަތް ނިންމައި ސަރަޙައްދު ހުޅުވެންދެން.
- ފަސް ނަންބަރު ފާލަމުން ފެށިގެން ޢިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަޙައްދު: 17 އޭޕްރީލުން ފެށިގެން މަސައްކަތް ނިންމައި ސަރަޙައްދު ހުޅުވެންދެން.
ސަރުކާރުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ ޖުމްލަ 144.5 މިލިއަން ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.













