Ads by
ޚަބަރު
19 ވަނަ ފަހަރަށް އަލް ހިލާލުން ސައުދީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި
ލަނޑު ޖެހުމަށްފަހު އަލް ހިލާލް ކުޅުންތެރިން އުފާ ފާޅުކުރަނީ..... ފޮޓޯ: އަލް ޖަޒީރާ

ސައުދީ ޕްރޯ ލީގުގައި ރޭ އަލް ހާޒެމް އަތުން 4-1 އިން މޮޅުވެ، އަލް ހިލާލް 19 ވަނަ ފަހަރަށް ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

Ads by Eki Online

އަލް ހިލާލް ޗެމްޕިއަންކަން ހޯދީ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މި މެޗުން ލިބުނު 3 ޕޮއިންޓާއިއެކު ލީގުގައި ކުޅުނު 31 މެޗުން އަލް ހިލާލަށް ވަނީ 89 ޕޮއިންޓް ލިބިފައެވެ.

މިމެޗަށް ނުކުތްއިރުވެސް ނުވަ ޕޮއިންޓްގެ ލީޑަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތް އަލް ހިލާލުން ވަނީ މެޗު ފެށިގެން 15 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ ފޯވާޑް އެލެގްޒަންޑާ މިޓްރޮވިޗުއެވެ.

އަލް ހަޒެމް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮމޯރޯސްފެ މިޑްފީލްޑަރު ފާއިޒް ސެލެމާނީއެވެ. ނަމަވެސް އޭގެ ފަސް މިނެޓުފަހުން އަލް ހިލާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑަކީ އެޓީމުގެ ސައުދީ މިޑްފީލްޑަރު އަހުމަދު އަލް ޖުވައިދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އަލް ހިލާލުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ 3 ވަނަ މިނެޓުގައި މިޓްރޮވިޗު ކާމިޔާބުކުރިއިރު، އޭގެ 3 މިނެޓު ފަހުން އެޓީމުގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ މިޑްފީލްޑަރު ސަވިޗުއެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

އަލް ހިލާލް އިން ސައުދީ ލީގުގެ ޗެމްޕިއަންކަން މި ހޯދީ ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުގެ ތެރެއިން 29 މެޗުން މޮޅުވެގެންނެވެ. އެއްވަރުވީ 2 މެޗެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *