މެދުއިރުމަތީގައި އެމެރިކާއާއި އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގެ ތެރޭގައި، އެމެރިކާ އާއި ޔަހޫދީންގެ އިތުރުން އީރާނުންވެސް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަމަށް ބެލެވޭކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޝް ވިދާޅުވެއްޖެއެވެ.
ޕޮލިޓިކޯ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ގުޓެރޭޝް ވިދާޅުވީ، އީރާނުގެ ހަކަތައިގެ މަރުކަޒުތަކަށް ދިން ޙަމަލަތަކާއި، ރައްދުގައި އީރާނުން ގަލްފުގެ ޤައުމުތަކުގެ ހަކަތައިގެ މަރުކަޒުތަކަށް ދިން ޙަމަލާތަކުގައި ހަނގުރާމައިގެ ޖަރީމާތައް ދެ ފަރާތުންވެސް ހިންގާފައިވާކަމަށް ބެލެވޭނެ ޖާގަ އެބައޮތް ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާއި ދެކޮޅަށް ވެށި ނިރުބަވެރި ޙަމަލާތަކުގައި އިރާނުގެ ކުރީގެ ރޫޙާނީ ލީޑަރާއި އެމަނިކުފާނުގެ ޢާއިލީ މެންބަރުން ހިމެނޭ ގޮތަށް އެ ޤައުމުގެ ވަރަށް އިސް ބޭފުޅުންތަކެއް ވަނީ ޝަހީދުކޮށްލައިފައެވެ.
މިނިވަންކަމާއި އަމިއްލަ ދިފާޢުގައި، އީރާނުން ވެސް ދަނީ އެންމެ ތަންފުކެއްވެސް ދޫނުދީ އަނިޔާވެރި ޔަހޫދީ ދައުލަތުގެ މުޙިންމު ބިނާތަކުގެ އިތުރުން ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.
ކުއްލިއަކަށް މި ހަނގުރާމައިގެ މިސްރާބު ބަދަލުވެގެން ދިޔައީ ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އީރާނުގެ ’ދެކުނު ޕާސް‘ ގޭސް ދަނޑުތަކަށް ދިން ނުރައްކާތެރި ޙަމަލާއާއި ގުޅިގެންނެވެ. ’ދެކުނު ޕާސް‘ ގޭސް ދަނޑުތަކަށް ޔަހޫދީންނާއި އެމެރިކާއިން ދިން ނުރައްކާތެރި ޙަމަލާގެ ބަދަލުހިފުމުގެ ގޮތުން ގަލްފުގެ ޤައުމުތަކުގެ ހަކަތައިގެ ބިނާރުތަކަށް އީރާނުން ދިން ޙަމަލާތަކުގެ ތެރެއިން ޤަތަރުގެ ގޭސް އުފައްދާ މައި މަރުކަޒަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.
އެ ޙަމަލާގެ ސަބަބުން އެ ޤައުމުގެ ދިޔާކޮށްފައިވާ ޤުދުރަތީ ގޭސް (އެލްއެންޖީ) ބޭރުކުރުމުގެ ޤާބިލުކަން ވަނީ 17 އިންސައްތައިން ދަށަށް ގޮސްފައެވެ. އޭގެ ސަބަބުން އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީއިން 20 ބިލިޔަން ޑޮލަރުގެ ގެއްލޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.













