މޯލްޑިވްސް ޒަކާތު ހައުސްއިން، މި އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ބަހައި ނިންމާލައިފިއެވެ.
ޒަކާތް ލިބުމަށް ޝަރުޠު ހަމަވާ މީހުންނަށް ފިޠުރު ޒަކާތް ބަހައިފައިވާ އިރު، ބޮލަކަށް ޖެހިފައިވަނީ 6,000 ދިވެހި ރުފިޔާއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިޠުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިޠުރު ޒަކާތް ބެހި ފަހަރެވެ. ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ޙައްޤުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަޤީރު ޔަތީމު ކުދިން ވެސް ހިމެނެއެވެ.
މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމްލަ 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، މިއީ މިހާތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ. މީގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000 ދިވެހި ރުފިޔާއެވެ.
މި އަހަރު ފިޠުރު ޒަކާތް ބަލައިގަނެފައިވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހަތް އޮންލައިން ޕްލެޓްފޯމެއް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ޚާއްޞަކޮށް، ރަށްރަށުގެ ކައުންސިލުތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ފައިސާ ޖަމާކުރުމަށްޓަކައި ޚާއްޞަ އޮންލައިން ޕޯޓަލެއް ޒަކާތު ހައުސްއިން ތަޢާރުފުކުރިއެވެ.
މާލެ ސަރަޙައްދުގައި ވެސް އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަނެފައިވެއެވެ. އަދި ގޮވާމުން ވެސް ޒަކާތް ބަލައިގަނެ ޒަކާތް ބަލައިގަތުމާއި ބެހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް ވަނީ މޮނިޓަރ ކުރެވިފައެވެ. އަދި މީގެ ސަބަބުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ފައިސާ ބެހުމަށް މަގުފަހިވެގެންދިޔައެވެ.













