ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މާލޭ ސިޓީ، ގަލޮޅު ހުވަފެނީގޯޅީގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:45 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އަލިފާން ރޯވެފައިވަނީ ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައެވެ. އަލިފާން ނިއްވުމަށް ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގުމަށް މެދުވެރިވީ ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއްނުވެއެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، އިއްޔެގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭ ސައިމާ ހިނގުން، ލޮޓް 11395ގެ ކޮޓަރިއެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އެތަން ވަނީ ދިރިނޫޅެވޭ ވަރަށް އަނދައި ހުލިވެފައެވެ. މި ހާދިސާއާ ގުޅިގެން އެތަނުގައި ދިރިއުޅުނު ހަތް މީހަކަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.













