Ads by
ޚަބަރު
ބީއެމްއެލުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަލްކް ޕޭމަންޓް ފޮނުވޭ ގޮތް ހަމަޖައްސައިފި
ބީއެމްއެލުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަލްކް ޕޭމަންޓް ފޮނުވޭ ގޮތް ވަނީ ހަމަޖައްސާފައި - ފޮޓޯ:ބީއެމްއެލް

މުސާރަ، އެލަވަންސް، ބޯނަސް، ހިއްސާގެ ފައިދާ އަދި ޕެންޝަން ފައިސާ ފަދަ އެއްފަހަރާ ގިނަ ފަރާތްތަކަކަށް ޖަމާކުރަން ޖެހޭ ފައިސާ ފަސޭހަކަމާ އެކު ޓްރާންސްފަރ ކުރެވޭ ގޮތަށް ބިޒްނަސް އިންޓަނެޓް ބޭންކިންއަށް ބަދަލު ގެނެސް ބަލްކް ޕޭމަންޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފިއެވެ.

Ads by Eki Online

ބީއެމްއެލުން ބުނެފައި ވަނީ މި ހިދުމަތަށް ރަޖިސްޓްރީވުމުން، ވިޔަފާރިތަކަށް ދިވެހި ރުފިޔާއިން އަދި ޔޫއެސް ޑޮލަރުން އެ ބޭންކުގެ އެކި އެކައުންޓުތަކަށް އޮޓޮމެޓިކްކޮށް ބަލްކް ޕޭމަންޓް ހެދޭނެ ކަމަށެވެ.

އަލަށް ތައާރަފުކުރި މި ހިދުމަތާ ގުޅޭގޮތުން ބޭންކުގެ ކޯޕަރޭޓް ބޭންކިން ޑިރެކްޓަރު އަހުމަދު އަސީފް ވިދާޅުވީ މެނުއަލް ޕްރޮސެސްތައް ދޫކޮށްލައި، އެއްފަހަރާ ގިނަ ޓްރާންސްފާތައް ކުރެވޭ ގޮތަށް ގެނައި ބަދަލަކީ ވިޔަފާރިތަކަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެ ބަދަލެއް ކަމަށެވެ. މި ބަދަލާ އެކު، އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކި ބާވަތުގެ ބަލްކް ޕޭމަންޓް ހެދުމާއި ޑުޕްލިކޭޓް ރިކޯޑްތައް ފާހަގަ ކުރުމާއި ވަކިވަކި ޕޭމަންޓްތަކުގެ ޕޭމަންޓް ސްޓޭޓަސް ބަލާލުން ފަދަ ކަންތައްތައް ކުރެވޭނެ ކަމަށް އަސީފް ވިދާޅުވިއެވެ.

ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ އަޅުގަނޑުމެންގެ ސްޓްރެޓަޖީގެ ވަރަށް މުހިންމު ބައެއް އަދި ބޭންކިން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަސް އަދި ހިދުމަތް ހޯދުމުގައި އެ ފަރާތްތަކުން ބޭނުންވާ ފަދަ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނަން. މި ބޭންކަކީ ރާއްޖެއަށް ވަރަށް ގިނަ އާ ހިދުމަތްތަކެއް ތައާރަފުކުރި ބޭންކެއް. އަދި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ސޮލިއުޝަންސް ހޯދައިދިނުމަށް އީޖާދީ ޕާޓްނަރުންނާ އެކު އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނަން،

– އަސީފް ވިދާޅުވިއެވެ.

ބީއެމްއެލުން ބުނި ގޮތުގައި އިންޓަނެޓް ބޭންކިން ބޭނުންކުރަމުންދާ ވިޔަފާރިތަކުން މި ހިދުމަތަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތަކާ އެކު ހިލޭ ލިބޭ މި ހިދުމަތަށް ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެ ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *