ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލުގެ މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަނުކުރައްވަން އިބްރާހިމް އަބޫބަކުރު ނިންމެވުމާ ގުޅިގެން އޭނާގެ އެ ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާ ކުރައްވައިފިއެވެ.
މިކަމާ ގުޅިގެން މިއަދު ކޮންގްރެސް ޕާޓީން ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތް ފައްޓަވައިދެއްވަމުން އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިބްރާހިމް އަބޫބަކުރު ކައުންސިލް އިންތިޚާބުގައި އިތުރަށް ވާދަނުކުރައްވަން ނިންމަވައި، ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝްއަށް ތާއީދުކުރައްވަން ނިންމެވުމުން އޭނާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
”ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން ޙަޤީޤަތުގައި އިބްރާހިމް އަބޫބަކުރަކީ އަޅުގަނޑާ އެކީގައި އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި ކައުންސިލްގައި ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެއް، ދެން ޢަރީސްއަކީ ވެސް އެފަދަ ބޭފުޅެއް، ވަރަށް އުފާ ކުރަން ކެންޑިޑެންސީ ރަސްމީކޮށް ނަން ނުނެންގެވުނަސް އިންތިޚާބުގައި އިތުރަށް ކުރިއަށްނުދާން ނިންމަވައި އަޅުގަނޑުމެންގެ ޑެޕިއުޓީ މޭޔަރު ޢަރީޝްއަށް ތާއީދުކުރައްވަން ނިންމެވީމަ،“ – ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އިބްރާހިމް އަބޫބަކުރު މިއަދުގެ ދޮރުން ދޮރަށް ހަރަކާތުގައި މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވީ ފޯމު ހުށަހެޅުމުގައި ދިމާވި ކޮމިއުނިކޭޝަން އެރޯއެއްގެ ސަބަބުން ކަމަށެވެ. ޕާޓީއަށް މިވަރުގެ ބޮޑު ގެއްލުމެއް ލިބެން ނޭދޭ ކަމަށާއި، އެކަން ހިނގައިދިޔަ ގޮތް ޚުދު އޭނާއަށާއި ރައީސް މުޢިއްޒަށް ވެސް އެނގިވަޑައިގެންފައި ނުވާ ކަމަށް އިބްރާހިމް އަބޫބަކުރު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުގެ ޑެޕިއުޓީ މޭޔަރު ޢަރީޝަށް ވޯޓު ދިނުމަށް ދާއިރާގެ ހުރިހާ ރައްޔިތުންގެ ކިބައިން އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިބްރާހިމް އަބޫބަކުރަކީ މިހާރުވެސް މާލޭ ސިޓީ ކައުންސިލުގެ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރެވެ. މި ފަހަރު އެ ދާއިރާއަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވަނީ މިހާރުގެ ޑެޕިއުޓީ މޭޔަރު އަދި މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ޢަރީޝްއެވެ.
އިންތިޚާބުގައި އިތުރަށް ވާދަނުކުރައްވަން އިބްރާހިމް އަބޫބަކުރު ނިންމެވުމާ ގުޅިގެން ގިނަ ބަޔަކު އޭނާގެ އެ ނިންމުން ބަލައިގަނެ ޑެޕިއުޓީ މޭޔަރު ޢަރީޝްއަށް ތާއީދުކުރާނެ ކަމަށް ބެލެވެއެވެ.












