ހުރްމުޒް ކަނޑުއޮޅިއަށް ހަނގުރާމަމަތީ އުޅަނދު ފޮނުވާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރު ދީފިއެވެ.
މިއީ ޔަހޫދީ ދަޢުލަތާއި އެމެރިކާ އިސްވެ އީރާނަށް ދިން ނިރުބަވެރި ހަމަލާތަކާ ގުޅިގެން ރައްދުގައި އީރާނުން އިޒުރޭލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މުދަލަށް ގެއްލުންދީ އެބައިމީހުންނަށް ދަތިކުރުމުގެ ގޮތުން ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ޓްރަމްޕް، އީރާނަށް ދިން އިންޒާރެކެވެ.
ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލްގައި ޙިއްޞާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ގެއްލުން ލިބުނު ޤައުމުތަކުން، އެމެރިކާއާ ގުޅިގެން ހަނގުރާމަމަތީ އުޅަނދުތައް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ޗައިނާ، ފަރަންސޭސި ވިލާތް، ޖަޕާން، ދެކުނު ކޮރެއާގެ އިތުރުން އިނގިރޭސި ވިލާތް ހިމެނޭ ކަމަށް އޭނާ ބުނެފައިވެއެވެ.
ޓްރޫތް ސޯޝަލްގައި ޙިއްޞާކުރި ޕޯސްޓުގައި ޓްރަމްޕް ބުނެފައިވާ ގޮތުގައި، ޔަހޫދީ ދަޢުލަތާއި އެމެރިކާ ގުޅިގެން ކުރެވުނު މަސައްކަތުން އީރާނުގެ އަސްކަރީ ޤާބިލްކަން މިހާރު ވަނީ އެއްކޮށް ފުނޑުފުނޑުކޮށްލެވިފައެވެ. އަދި އެމެރިކާއިން އީރާނުގެ ކަނޑުގެ އައްސޭރިފަށަށް ބޮން އަޅައި، އީރާނުގެ ބޯޓުތަކާއި އުޅަނދުތަކަށް ބަޑި ޖަހާނެކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދީފައެވެ. އެއާއެކު ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލެވި، ސަލާމަތާ ރައްކާތެރިކަމާއެކު ހުރިހާ އުޅަނދަކަށް ވެސް ދަތުރުކުރެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ނޭވީ ޗީފް ޢަލީ ރިޒާ ޓަންގްސިރީ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި އަދިވެސް އަސްކަރީ ގޮތުން ބަންދުކޮށްފައިނުވާ ކަމަށާއި، ނަމަވެސް އެ ސަރަޙައްދު އީރާނުގެ ކޮންޓްރޯލުގެ ދަށަށް ގެންދިޔައީ ކަމަށެވެ. އީރާނުގެ އަސްކަރީ ޤާބިލުކަމާއި އީރާނުގެ ނޭވީ ފުނޑުފުނޑުކޮށްލި ކަމަށް ބުނެ ޓްރަމްޕް ދައްކަމުން އަންން ވާހަކަތަކަށްވެސް އޭނާ ވަނީ ވަރުގަދަ ރައްދެއް ދެއްވައިފައެވެ.
”އީރާނުގެ ނޭވީ ފުނޑުފުނޑުކޮށްލި ކަމަށް ބުނެ އެމެރިކާ އިން ދައްކަމުންދަނީ އެއްވެސް އަސާސެއްނެތް ދޮގު ވާހަކަތަކެއް، އެ މީހުން ބުނަނީ އީރާނުގެ ތެޔޮ ޓޭންކަރުތައް ހިފަހައްޓާފައިވާ ކަމަށް، ނަމަވެސް އެމެރިކާއިން މި ހަނގުރާމައިގައި އެހެން ޤައުމުތަކުގެ އެހީތެރިކަމަށް މިހާރުވެސް އެދެމުންދަނީ،“ – އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ނޭވީ ޗީފް ޢަލީ ރިޒާ ޓަންގްސިރީ ވިދާޅުވިއެވެ.
ޔަހޫދީ ދަޢުލަތާއި އެމެރިކާ އިސްވެ އީރާނާ ދެކޮޅަށް ދިން ނިރުބަވެރި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައަށް 15 ދުވަސް ވެފައިވާއިރު، އީރާނުން ދުނިޔޭގެ ގޭހާއި ތެލުގެ ފަސް ބައިކުޅަ އެއްބައި އުފުލާ ކަނޑުގެ ސަރަޙައްދު ކަމަށްވާ ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ގޭހާއި ތެލުގެ އަގުތައް ވަނީ އަތް ނުފޯރާ ފަށަށް އުފުލިފައެވެ.
ހުސްވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށުނު މި ހަނގުރާމައާ ގުޅިގެން އީރާނުން މިހާތަނަށް 1،444 މީހުން ވަނީ ޝަހީދުވެފައެވެ. މި ހަނގުރާމައިގައި އީރާނުންދޭ ހަމަލާތަކުގައި މަރުވަމުންދާ ޔަހޫދީންގެ އަދަދު އެބައިމީހުން ގެންދަނީ ސިއްރުކުރަމުންނެވެ. އެގޮތުން އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުވެފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ޚަބަރު ފަތުރަމުންނެވެ. ނަމަވެސް ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކުން މިކަން ޔަޤީންކޮށްދީފައެއް ނުވެއެވެ.













