މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ތަފްޞީލު ހާމަކުރައްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ނެތް ކަމަށާއި، ތެލުގެ އަގު އުފުލުނަ ނުދީ އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރުމުގެ އިންތިޒާމުތަކުގެ އިތުރުން ކާބޯތަކެއްޗާއި ބޭސް، އަދި ރާއްޖެއިން ބޭރުގައި ތަޢުލީމް ހާޞިލުކުރަމުން އަންނަ ދިވެހި ދަރިވަރުންނަށް ފޮނުވަންޖެހޭ ފައިސާގެ ކަންކަން އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ދަޢުލަތުގެ ރިޒާވް ހަރުދަނާކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ތެލާއި ގޭހުގެ ސްޓޮކް މި ވަގުތު ހުރި މިންވަރަށް ބަލާއިރު އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތަކީ ތެލުގެ އަގު އުފުލުނަނުދީ އެއްވަރެއްގައި ހިފެހެއްޓުމަށް ކުރައްވާ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން ވިޔަފާރިތަކަށް ގެއްލުން ނުވާނޭހެން މިކަންކަން ރޭވިފައިވާ ކަމަށްވެސް މިނިސްޓަރު ޒަމީރު ވަނީ ވިދާޅުވެފައެވެ.













