Ads by
ޚަބަރު
ނ. އާއި ރ. އަދި ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ
އާރުޓީއެލް ފެރީގެ ހިދުމަތް ނ. އާއި ރ. އަދި ބ. އަތޮޅުގައި ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އެމްޓީސީސީ

މުޅި ރާއްޖެ ހައި ސްޕީޑް ފެރީން ގުޅާލަން ސަރުކާރުން ފަށާފައިވާ އާރުޓީއެލް ފެރީގެ ހިދުމަތް ނ. އާއި ރ. އަދި ބ. އަތޮޅުގައި ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

Ads by Eki Online

މި ތިން އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު ވި އެއްބަސްވުމުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މިނިސްޓަރު މުޙައްމަދު އަމީނެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުالله ޒިޔާދެވެ.

މީރުމާ އިވެންޓުގައި ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ އާރުޓީއެލް ހިދުމަތަކީ ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގައި މިހާރުވެސް ދެމުން އަންނަ ހިދުމަތެއް ކަމަށާއި ސަރުކާރާ ހަވާލުވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ހިނގަމުންދިޔަ ޕްރޮޖެކްޓުތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އެހެންކަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ މަސައްކަތް މި ސަރުކާރުން ވެސް ކުރިއަށް ގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވެފައި ވަނީ ރައްޔިތުން އެންމެ އެދޭ ގޮތަށް މި ހިދުމަތަށް ބަދަލުތައް ގެންނާނެ ކަމަށެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް އެމްޓީސީސީ އާ ހަވާލުކޮށްފައި އޮތީ ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް ކުރާ ގޮތަށެވެ. ސަރުކާރާ ހަވާލުވެ ބެލިބެލުމުން ދެމެހެއްޓެނިވި ގޮތަކަށް މި ހިދުމަތް ކުރިއަށް ގެންދިއުމުގައި އެމްޓީސީސީއަށް ގޮންޖެހުންތައް ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވި ގޮތުގައި ރޫޓު ދަތުރުތައް ކުރަމުން ދަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ނޫން ކަމުގައެވެ. ރައްޔިތުން އެދޭ ގޮތަށް ރޫޓުތައް ބަދަލުކުރަން އިތުރު ލޯންޗާއި ފައިސާ ބޭނުންވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ރޫޓުތަކަށް ބަދަލުތައް އަންނާނެ ކަމަށެވެ.

ނ. އާއި ރ. އަދި ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމާ ގުޅޭގޮތުން އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ތިން އަތޮޅުގައި އާރުޓީއެލް ރަސްމީކޮށް އިފުތިތާހު ކުރެވުމާ އެކު މި އަތޮޅުތަކުގެ ރައްޔިތުންނަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންގިލާބީ އާ ބާބެއް ފެށޭނެ ކަމަށެވެ. އާރުޓީއެލް ފެރީ ހިދުމަތް ތައާރަފު ކުރެވިފައިވާ ޒޯން އެކެއް (ހއ. ހދ. އަދި ށ. އަތޮޅު) އާއި ޒޯން ދޭއް (ޅ. އަތޮޅު) އާއި ޒޯން ފަހެއް (ގއ. އާއި ގދ. އަތޮޅު) އަދި ޒޯން ހައެއް (ފުވައްމުލަކު އަދި އައްޑޫ ސިޓީ) ގައި މެދުކެނޑުމެއްނެތި ފެރީ ހިދުމަތް ދިނުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުން ކަމަށް އެމްޓީސީސީން ބުނެއެވެ.


އެމްޓީސީސީން ބުނި ގޮތުގައި އާރުޓީއެލް ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ސަރަހައްދުތަކުގައި ހިދުމަތް ފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމުގައެވެ. އެކަމަށް ބޭނުންވާ ތައްޔާރީތައް ދައުލަތުގެ މިނިސްޓްރީތަކާ ގުޅިގެން ދަނީ ކުރެވެމުން ކަމަށާއި އެ ކުންފުނިން އާރުޓީއެލް ފެރީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ތަމްރީންތައް އަންނަނީ ދެމުން ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *