ޖަލުތަކުގައި ތިބޭ ޤައިދީންނަށާއި ބަންދުކޮށްފައި ތިބޭ މީހުންނަށް ޚާއްޞަކޮށްގެން ޑޮކްޓަރަށް ދެއްކުމުގެ ހަރަކާތެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށް ގެންގޮސްފިއެވެ.
މިކަން ހާމަކޮށް ކަރެކްޝަނަލް ސަރވިސް އިން އެކްސްގައި ޚިއްޞާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި ހަރަކާތަކީ ”ފްރަންޓްލައިން ޑޭ“ ފާހަގަކުރުމުގެ ގޮތުން ހިންގުނު ހަރަކާތެއް ކަމަށެވެ. އިއްޔެ ހިންގުނު މި ޚާއްޞަ ހަރަކާތުގައި ގިނަ އަދަދެއްގެ ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދުކޮށްފައި ތިބޭ މީހުންނަށް، ހުޅުމާލޭ ހޮސްޕޮޓަލާއި އައިޖީއެމްއެޗް މެދުވެރިކޮށް ޚިދުމަތް ދީފައިވެއެވެ.
"ފްރަންޓްލައިން ޑޭ" ފާހަގަކުރުމުގެ ގޮތުން އިއްޔެ ހިންގި ޚާއްސަ ހަރަކާތުގައި ގިނަ އަދަދެއްގެ ޤައިދީންނާއި ބަންދުމީހުންނަށް، ހުޅުމާލޭ ހޮސްޕޮޓަލާއި އައިޖީއެމްއެޗް މެދުވެރިކޮށް މެޑިކަލް ކޮންސަލްޓޭޝަން ފޯރުކޮށްދީފި@HMH_mv @igmhmv @HomeMinistrymv pic.twitter.com/KlCiUaGqJG
— Maldives Correctional Service (@CorrectionsMv) March 8, 2026
ކަރެކްޝަންސް ގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ މީގެ ކުރީގެ އަހަރުތަކުގައި ޖަލުތަކުގައި ތިބޭ ޤައިދީންނަށާއި ބަންދުކޮށްފައި ތިބޭ މީހުންނަށް ޚާއްޞަކޮށްގެން ޑޮކްޓަރަށް ދެއްކުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް، މި ފަހަރު ކުރިއަށް ގެންދެވުނު މި ހަރަކާތަކީ ފްރަންޓްލައިން ދުވަހާ ދިމާކޮށް މިހާތަނަށް ކުރިއަށް ގެންދެވުނު ފުރުތަމަ ހަރަކާތް ކަމަށެވެ.
މީގެ އިތުރުން މާފުށީ ޖަލާއި އައްސޭރި ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުކޮށްފައި ތިބޭ މީހުން މާލެ ގެނެސް އެޕޮއިންޓްމެންޓްތަކަށް ގެންދާނެކަން ފާހަގަކުރަމުން ކަރެކްޝަންސް ގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބެކްލޮގް ފިލުވާލުމަށް އެޕޮއިންޓްމެންޓް ލިބޭ ވަރަކުން ކޮންމެ މަހަކު އެއްފަހަރު މި ހަރަކާތް ކުރިއަށްގެންދިއުމަކީ އަމާޒެއް ކަމަށެވެ.
ކަރެކްޝަނުން އިތުރަށް ބުނެފައިވަނީ، ޖަލުތަކުގައި ޤާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީތައް މެދުވެރިކޮށް ޢާންމު ބަލިތަކަށް ދުވާލެއްގެ މައްޗަށް 200 އަށްވުރެ ގިނަ ޤައިދީންނަށާއި ބަންދުގައި ތިބޭ މީހުންނަށް ފަރުވާދޭ ކަމަށެވެ.











