Ads by
ޚަބަރު
ބޭނުމީ ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިއަށްދާން: ރައީސް
ފީއަލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވަނީ: ވިދާާޅުވީ ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިއަށް ދިއުމަށް ބޭނުންފުޅުވާ ކަމަށް - ފޮޓޯ:ރައީސް އޮފީސް

ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިއަށް ދިއުމަށް ބޭނުންފުޅުވާ ކަމަށާ އަދި އެންމެ ދުވަހެއް ވެސް ބޭކާރުނުވެ، ފަހަތަށް ނުގޮސް، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދެއްވުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިއަދު މެންދުރުފަހު ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް އަވަހަށް ހަގީގަތަކަށްވުމަކީ، ރައްޔިތުން ވެސް އެންމެ ބޭނުންވާ ގޮތް ކަމުގައި އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެންކަމުން އެ ކަންކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސް ވިދާޅުވެފައި ވަނީ ރައްޔިތުންގެ ގާތުން ރައްޔިތުންގެ ކަންކަން އޮޅުންފިލުއްވުމަކީ އެމަނިކުފާނަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ކަންކަން ރައްޔިތުންގެ ގާތުން އެނގިވަޑައިގަތުމުން އެ ކަންކަން އަވަހަށް ތަންފީޒު ކުރުމަށް ފަސޭހަވެގެންދާ ކަމަށާއި މިހާރު ކުރައްވަމުންދާ ދަތުރުފުޅުތަކުގައި ވެސް ރައްޔިތުންގެ ފަރާތުން ހުށަހަޅާ ބައެއް ކަންކަމަށް ވަގުތުން ހައްލު ހޯދަން މަސައްކަތްޕުޅު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ގާތުން އެނގުނީމާ، މާ އަވަހަށް ވެސް އަޅުގަނޑަށް ފަސޭހަވެގެންދޭ، އެ ކަންކަން ތަންފީޒު ކުރަން. އަޅުގަނޑާ އެކީގައި އެކިއެކި މިނިސްޓަރުންނާއި އެމްޑީން ވެސް ބައްދަލުވުންތަކުގައި އެބަ ބައިވެރިވޭ. ވަގުތުން ކަންކަމަށް ހައްލު ގެނެސްދެވޭތޯ މަސައްކަތް އެބަކުރަން. އަޅުގަނޑު ބޭނުން ވަނީ ނަތީޖާ ނެރުމުގައި ވަރަށް ބާރު ސްޕީޑުގައި ކަންތައްތައް ކުރިއަށް ގެންދެވޭތޯ ބަލަން. އެއީ ރައްޔިތުން ވެސް ބޭނުންވާނެ ގޮތަކީ،” ރައީސް ވިދާޅުވިއެވެ.

ފީއަލީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވި ގޮތުގައި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބައިވަރު ކަންކަން އެބަހުރި ކަމުގައެވެ. އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާ ކަމަށާއި ވައުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ނިލަންދެ އަތޮޅު އުތުރުބުރީ ބައެއް ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފީއައްޔަކީ އެމަނިކުފާނު ވަޑައިގެންނެވި އެންމެފަހު މަންޒިލެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *