Sunday, 26 July 2026

Ads by

އެމްޑީޕީގެ ”ސޭވްބަންޑާރަ“ ކެމްޕޭނު ގޮސް ގުޅެނީ އިންޑިއާގެ ވޯރާއިންނާ؟

އެކި ގްރެފިކްސް : ޙުސައިން ފައުޒާން

މާލޭގެ އާސާރީ އަދި ތާރީޚީ ބިނާތަކުގެ ނަމުގައި، ސިޔާސީ މަންފާއަށްޓަކައި ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ހަޤީޤަތާ ދުރު، އަދި ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ދައްކާ ވާހަކަތަކެކެވެ. މާލެ ސިޓީގެ އެމްޑީޕީ މޭޔަރު އާދަމް އާޒިމް، ބަންޑާރަ މިސްކިތް ތަޅާލައި އެތަނުގައި ޒަމާނީ ފެންވަރުގެ އާ މިސްކިތެއް އެޅުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓަކީ މީގެ ސާފު ހެއްކެކެވެ. އަދި މިއާއިއެކު މުޅި އެމްޑީޕީ އެކުއެކީ ނުކުމެ ”ސޭވްބަންޑާރަ“ ކެމްޕޭނު ފެށުމުން މިކަމުގެ ޙަޤީޤަތް ހޯދަން މަޖުބޫރުވެއްޖެއެވެ.

އާޒިމް ވިދާޅުވާ ގޮތުގައި ބަންޑާރަ މިސްކިތަކީ ދިވެހިންގެ ދީނާއި ސަޤާފަތާއި ތާރީޚު ދައްކުވައިދޭ މުހިއްމު ރަމްޒެކެވެ. ނަމަވެސް، ޙަޤީޤަތަކީ މިއީއެއް ނޫނެވެ. ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ލިސްޓުގައި ހިމެނޭ ތަނެއް ނޫނެވެ. ރާއްޖޭގެ ތަރިކައިގެ ތެރޭގައި ހިމެނެން ޖެހޭނީ ދިވެހިވަންތަކަން ރަމްޒުކޮށްދޭ، ދިވެހިންގެ އަމިއްލަ މަސައްކަތާއި ފަންނުވެރިކަން ފެންނަން ހުރި ބިނާތަކެވެ.

ބަންޑާރަ މިސްކިތުގެ ތާރީޚު

ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން މިސްކިތުގެ ތާރީޚަށް ބަލާއިރު، އެއީ މާފަންނު އޯކިޑްމަގާއި، ހުސޭނީ ގޯޅިއާއި ގުޅޭ އުތުރު ހުޅަނގު ކަންމަތީގައި 1927 ވަނަ އަހަރު ސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި ވޯރާއިން ބިނާކުރި ތަނެކެވެ. މިތަނަކީ މާލޭގައި އޭރު ވަޒަންވެރިވި ހިންދޫ (ވޯރާ ވިޔަފާރިވެރިން) ގެ މިސްކިތެކެވެ. ތާރީޚީ ނަމަށް ބަލާއިރު މި ތަނަށް ކުރިން ކިޔަނީ ބަންބާ މިސްކިތް (ނުވަތަ ބުމްބާ މިސްކިތް) އެވެ. 98 އަހަރު ވެފައިވާ މި ބިނާއަކީ ރާއްޖޭގައި އުޅުނު އިންޑިއާގެ ޝީޢީ މަޒްހަބުގެ މީހުން (ވޯރާ ވިޔަފާރިވެރިން) އެމީހުންގެ އަމިއްލަ ބޭނުމަށް، ވަކިން އަޅުކަން ކުރުމަށް ބިނާކުރި ތަނެކެވެ. ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، މި މިސްކިތަކީ ރާއްޖޭގައި އޮތް ސުންނީ މަޒްހަބާ ދެކޮޅަށް، ވަކިން ނަމާދުކުރުމުގެ ފިކުރު ފެތުރުމަށް އެޅި މިސްކިތެކެވެ.

ހިންދޫ ވޯރާއިން ވަކިވެގަނެގެން ނަމާދުކުރަން ބޭނުންކުރި ބުންބާ މިސްކިތް، ބަންޑާރަ މިސްކިތުގެ ނަމުގައި ހުޅުވުން.

ދިވެހިންނަށް މި ތަނަށް ވަނުމުގެ ފުރުޞަތު ލިބިގެން ދިޔައީވެސް 1967 ވަނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު އޭރުގެ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަ ބަނޑޭރި ކިލެގެފާނު އިންޑިއާގެ ވޯރާ ދަރިކޮޅުގެ މީހުންގެ ވިޔަފާރި ހުއްދަ ބާތިލް ކުރުމަށްފަހު، އެމީހުން ފޮނުވާލާ، ބުންބާ މިސްކިތުގެ ނަން ”ބަންޑާރަ މިސްކިތަށް“ ބަދަލުކުރެވުނު ހިސާބުންނެވެ. މިހާރު އެ މިސްކިތުގެ ރަސްމީ ނަމަކީ ”މަސްޖިދުލްސުލްޠާން މުޙައްމަދު ޝަމްސުއްދީން“ އެވެ.

އެމްޑީޕީގެ ”ސޭވް ބަންޑާރަ“ ކެމްޕޭން

ފުރަތަމަ މި ކެމްޕޭނު ފެށުނީ މުޅި ރާއްޖޭގައި ދީނީ ވަހުދަތު ވަރުގަދަކުރުމުގެ މަޝްރޫޢުގެ ދަށުން ޖާގަ ތަނަވަސް މިސްކިތްތަކެއް ބިނާކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓަރ ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. މިނިސްޓަރ ޝަހީމް ވިދާޅުވީ ބަންޑާރަ މިސްކިތް ހުރިތަނުގައި ޖާގަ ތަނަވަސް މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ރަމަޟާންމަހުގެ ފަހުން ފައްޓަވާނެ ކަމަށެވެ. އަދި އެކަންކުރައްވަން ޤަސްދު ކުރައްވަނީވެސް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯއްދެވުމަށްފަހުގައި ކަމަށެވެ.

މިކަން ބޮޑުކަންތައް ގަނޑަކަށް ހެދުމަށް ގުންފައި ޖައްސަވާ ނުކުންނެވީ މާލޭގެ ޒަމާންވީ އެބުނާ ކާބަފައިންގެ ހަނދާންތައް އެތަނަކާ ގުޅިފައިވި ގަބުރުސްތާނުތައް ތަޅާ ސުންނާފަތި ކުރުމުގެ މޭސްތިރި މާލެސިޓީގެ އެމްޑީޕީ މޭޔަރު އާދަމް އާޒިމްއެވެ.

އާޒިމްގެ މޭޔަރު ކަމުގައި މާލޭގެ ސަހަރާތަކަށް ހެދިގޮތް

މާ ދުރުނޫން މާޒީއަކަށް ޖެހިލާނަމެވެ. މާލެސިޓީގެ ހިނގަމުންމިދާ 4 ވަނަ ދައުރުގެ ކައުންސިލްގައި މާލޭގެ މޭޔަރު ކަމާއި އަދުގެ ރައީސް ޑރ. މުޢިއްޒު ޙަވާލުވެ ވަޑައިގެންނެވުމާއި ހަމަޔަށް ފާއިތުވި 15 ވަރަކަށް އަހަރު މާލޭގެ މޭޔަރުކަން ކުރެއްވީ އެމްޑީޕީގެ ބޭފުޅުންނެވެ. މެޖޯރިޓީ ކައުންސިލަރުން ނިސްބަތްވީ އެމްޑީޕީއަށެވެ. މާލެ ސިޓީކައުންސިލް އޮތީ މި ދެންނެވި 15 އަހަރު ތެރޭގައި އެމްޑީޕީގެ ކިއްލާއެއް ހެނެވެ.

މާލެސިޓީ ކައުންސިލަކީ ވިހާ މަރުވާ ބެލުމާ، ގޭގޭގެ ވަޅަށް ކްލޮރިން އެޅުމާއި، ޤައުމީ އެކި ޙަފްލާތަކަށް ސަރުކާރުން އެންގީމައި ދިދަ ޖެހުން ފިޔަވާ އެހެން ކަމެއްކުރި ތަނެއް ކަމެއް މާލެސިޓީގެ ރައްޔިތުން ނުދެނަހުއްޓެވެ. ޒަމާންތަކަށްފަހު އެމްޑީޕީއަތުން މާލޭގެ މެޖޯރިޓީގެއްލި، އަދުގެ ރައީސް ޑރ. މުޢިއްޒުއާއި، ޕީޕީއެމްގެ ލަޝްކަރަށް މާލެސިޓީ ކައުންސިލްގެ މެޖޯރިޓީލިބުނެވެ. މޭޔަރުކަމުގައި ޑރ. މުޢިއްޒު ހުންނެވި އިރު ވީރާނާވެފައިވި މާލޭގެ ސަހަރާތަކާއި، މިސްކިތްތަކާއި އެނޫންވެސް އެފަދަ ތަންތަން މަރާމާތުގެ މަސައްކަތް ހަލުވި ދުވެލީގައި ފެއްޓެވިއެވެ. އާސަހަރާ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއްވިއެވެ. އާސާރީތަންތަނާއި، އެނޫންވެސް ކައުންސިލްގެ އިޙުތިސޯސްގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއްހެން ތަރުތީބު ކުރައްވާ ބެލެހެއްޓެވިއެވެ. މިސަބަބުތަކާއިހެދި އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރެއްވުމަށް މާލޭގެ ރައްޔިތުންގެ ސުޕަރ މެޖޯރިޓީ ދެއްވިއެވެ. އެއްކަލަ މޭޔަރުގެ ”ގޮނޑި“ ކޮޅުގެ ހައިބަތުވެސް ފެނިގެން މިދިޔައީ ޑރ. މުޢިއްޒު މި ގޮނޑިން ތެދުވެ ވަޑައިގެންނެވި ހިސާބުންނެވެ.

ދެން އިއްތިފާޤުން މޭޔަރު ކަމަށް މި އިންތިޚާބުވީ އަނެއްކާވެސް އެމްޑީޕީ ބޭފުޅެކެވެ. އާދަމް އާޒިމްގެ މޭޔަރުކަމުގައި މިވީ 2 އަހަރުގެ ތެރޭގައި މާލޭގެ ހުރިހާ ސަހަރާތައް ތަޅާ ސުންނާފަތި ކުރީ ދީނީ ޢިލްމުވެރިންނާއި، ސަޤާފީ ތަރިކައާއި، ރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން އެކަން ނުކުރުމަށް އެދި ތަކުރާރުކޮށް ގޮވަމުންދަނިކޮށް އެކަމަށް ބީރުކަންފަތެއް ދެއްވާފައެވެ. އާޒިމްގެ މޭޔަރު ކަމުގައި ގަލޮޅު ސަހަރާ ތަޅާލާފައި އެތަނުގައި ފުރަތަމަވެސް ބޭއްވީ ގަދަ މިއުޒިކާއިއެކު ފެޝަން ޝޯއެކެވެ. ޝަރަފްވެރި މެހެމާނަކަށް ގެންދެވީ އެމްޑީޕީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުއެވެ.

ގަލޮޅު ސަހަރާ ތަޅާލުމަށްފަހު ފެޝަންޝޯ ބޭއްވުމުން އާންމުން ކަންބޮޑުވުން ފާޅު ކޮށްފައި

އާދަމް އާޒިމްއަކީ ދެމޫނުގެ ވެރިއެއްކަން ދޭހަވާ އަނެއްކަމަކީ ބަންޑާރަ މިސްކިތޭކިޔާ އޭނާ ކުރެއްވި ޕޯސްޓުގައި ޤައުމެއްގެ ކާބަފައިން ދޫކޮށްފައިވާ މުހިއްމު އާސާރުތަކަކީ، އެ ޤައުމެއްގެމޫނުބަލާ ލޯގަނޑޭ ވިދާޅުވުމުންނެވެ. އަޖައިބުވެދާނެއެވެ. ކާބަފައިން އެތަނެއްގައި ވަޅުލާފައިވި ސަހަރާތައް ކޮނެ، ކުޅިވަރުގެ މައިދާންތަކަށް އެތަންތަން ހެދިތާ އަދި މިވީ 1 އަހަރެވެ. ލަދުގެ ކަންފުޅެއްވެސް ނެތީބާއޭ ހިތައްއަރައެވެ.

އާދަމް އާޒިމް ގަބުރުސްތާނުތައް ސުންނާފަތި ކުރުމުން ޝެއިޚް ނިޝާން އަދި ކުރީގެ ޖަސްޓިސް މިނިސްޓަރ މުޢިއްޒު އަދުނާން ގެ ކަންބޮޑުވުން.

އެމްޑީޕީގެ ނިޔަތަކީ އިންޑިއާގެ މަސްލަޙަތު ޙިމާޔަތްކުރުން

ބަންޑާރަ މިސްކިތް ތަޅާލުމާ ދެކޮޅަށް ”ތަރިކަ“ އޭ ކިޔައިގެން ވަކާލާތު ކުރައްވާއިރު، އެމްޑީޕީމީހުންގެ ހަޤީޤީ ކަންބޮޑުވުމަކީ ހިންދޫއިންގެ ބިނާއެއް މާލެއިން ނެތިގެން ހިނގައިދާނެތީ ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ. މާލޭގެ ހުރިހާ މިސްކިތްތަކެއް އާބާތުރަ ފިލުވައި، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ ދަނޑިވަޅެއްގައި، ބާވެފައިވާ މިފަދަ ”އިންޑިއާގެ ސިމްބަލް“ އެއް ހިމާޔަތްކުރަން އުޅުމަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މިސްކިތްތަކުގެ ޖާގައިގެ ދަތިކަމަށް އިތުރު ހުރަހެއް އެޅުމެވެ. މި ބިނާއަކީ ދިވެހި ތަރިކައަކަށް ވުރެ ބޮޑަށް، އިންޑިއާގެ ނުފޫޒާއި އެ ޤައުމުގެ ބައެއްގެ ދީނީ އާދަކާދަތައް ރަމްޒުކޮށްދޭ ތަނެކެވެ. އެތަނުގެ ޑިޒައިނަށް ބަލާލުމުންވެސް ދިވެހިވަންތަ އެއްވެސް ސިފައެއް ނުފެނެއެވެ.

ވޯރާއިން ބިނާކުރި ބުންބާ މިސްކިތް.. މިތަނުގެ ޑިޒައިން ބޮޑަށް ވައްތަރީ ހިންދޫއިންގެ ފަރުމާއަކާ..

ވީމާ، އާޒިމް އާއި އެމްޑީޕީގެ މި ދެކޮޅުވެރިކަމަކީ ތާރީޚާއި ސަޤާފަތާއި ތަރިކަ ޙިމާޔަތްކުރަން ކުރާ ކަމެއް ނޫންކަން ވަރަށް ސާފެވެ. އެއީ ސިޔާސީ ބޭނުމެއްގައި، އިންޑިއާގެ ރަމްޒެއްގެ ގޮތުގައި ހުރި ތަނެއް ދެމެހެއްޓުމަށް ކުރާ މަސައްކަތެކެވެ. ޙަޤީޤަތުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ބަންޑާރަ މިސްކިތް ތަޅާލައި އެތަނުގައި ޖާގަތަނަވަސް ޒަމާނީ އާ މިސްކިތެއް ބިނާކުރުމަކީ މިވަގުތަށް އެންމެ ބޭނުންތެރި އަދި އެންމެ ހެޔޮ ގޮތެވެ.

މާލެސިޓީއަށް ޖާގަ ބޮޑު މިސްކިތްތައް ބޭނުންވޭ

މާލެއަކީ އާބާދީގެ ނިސްބަތަށް ބަލާއިރު، ނަމާދުކުރާނެ ޖާގައިގެ ދަތިކަމާއިހުރެ، ރައްޔިތުން ތަކުލީފު އުފުލަމުންދާ ސިޓީއެކެވެ. ބަންޑާރަ މިސްކިތް ހުރި ބިމަކީ މާލޭގެ އެންމެ މުހިއްމު އަދި އެންމެ ބައިބޯ އެއް ސަރަހައްދެވެ. އެތަނުގައި ހުރި ބާ މިސްކިތް ތަޅާލައި، ގިނަ ބަޔަކަށް ނަމާދުކުރެވޭނެ ފަދަ ޒަމާނީ، ޖާގަ ތަނަވަސް މިސްކިތެއް ބިނާކުރުމަކީ މާލޭގެ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ.

މިސްކިތްތަކުގެ ޖާގައިގެ ދަތިކަމަކީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ޚާއްޞަކޮށް ހުކުރު ދުވަސްދުވަހާއި، ރަމަޟާން މަހުގެ ރޭތަކުގައި މަގުމަތީގައި ސަފު ހަދައިގެން ނަމާދުކުރަން ޖެހުމަކީ އާންމު ކަމެކެވެ. މިފަދަ ދަނޑިވަޅެއްގައި، ބަންޑާރަ މިސްކިތް ފަދަ މުހިއްމު ސަރަހައްދެއްގައި ހުރި ބާވެ ވީރާނާވެފައިވާ ބިނާއެއް، ”އާސާރީ“ ތަނެއްގެ ނަމުގައި ބަހައްޓަން ވަކާލާތު ކުރުމަކީ ރައްޔިތުންނަށް ޖެއްސުން ކުރުމެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟

ބަންޑާރަ މިސްކިތް ދިވެހި ތަރިކައިގެ ތެރޭގައި ނުހިމެނޭ

ސަގާފީ ތަރިކައިގެ ޤާނޫނަށް ހަތް އަހަރު ވެގެން ދިޔައިރު، އެ ޤާނޫނުގައި ބުނާ ގޮތަށް ސަގާފީ ތަރިކައިގެ ދަފްތަރު އަދާހަމަކޮށް، މުރާޖާނުކުރާތާ އަހަރުތަކެއް ވެފައިވާ ކަންވެސް މިވަނީ ހާމަވެގެން ގޮސްފަ އެވެ. އެ ޤާނޫނުގައި ބަޔާންކޮށްފައި ވަނީ ކޮންމެ ދެ އަހަރުން އެއް އަހަރު ސަޤާފީ ތަރިކައިގެ ދަފްތަރު މުރާޖައާކޮށް، އަންނަ ބަދަލުތައް އާންމުކުރަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މިފާއިތުވި 7 އަހަރު މިކަން ކޮށްފައިނުވެއެވެ.

މީގެ ހަތް އަހަރު ކުރިން މާޗު 27، 2019 ގައި ޝާއިއުކޮށްފައިވާ ”ސަގާފީ ތަރިކައިގެ ވަގުތީ ދަފްތަރު“ ހިއްސާކޮށްލާނަމެވެ. އެ ފަހުން މި ދަފްތަރު އަޕްޑޭޓްކުރަން ޖެހޭ މުއްދަތުތައް (2021، 2023، 2025) ފަހަނައަޅައި ދިޔަ ނަމަވެސް އާ ލިސްޓެއް ނެރެފައެއްނުވެ އެވެ. އެންމެ ގަދަޔަށް ދެން މިކަމާ ވަކާލާތު ކުރައްވަނީ އެމްޑީޕީ ވެރިކަމުގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނެވެ. އެކަމަނާގެ ވަޒީރުކަމުގައިވެސް މިދިޔަ 5 އަހަރު ދުއްވާލީ ދިވެހި ސަޤާފީ ތަރިކައިގެ ދަފްތަރު އަދާހަމަކޮށްލާނެ ވަގުތުނުވެއެވެ. ސަޤާފީ ތަރިކައިގެ ޤާނޫނުގައި، ދަފްތަރު އަދާހަމަ ކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައި ވަނީ ހެރިޓޭޖު މިނިސްޓްރީގެ ދަށުން އޮންނަ ތަރިކަ ރައްކާތެރިކުރުމުގެ ޤައުމީ މަރުކަޒު (ނޭޝަނަލް ސެންޓާ ފޯ ހެރިޓޭޖް) އާ އެވެ. އެހެންކަމުން ޔުމްނާ ކުއްލިއަކަށް ނުކުމެ ވަޑައިން ތަރިކައޭ ވިދާޅުވީމާ ރައްޔިތުން ނަށް މިކަމުގެ ޙަޤީޤަތް ކިޔާދޭން ޖެހެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ކުރީގައި ރައީސުން ދިރިއުޅުއްވަން ބިނާކުރި ތީމުގޭ (މިހާރުގެ ސުޕްރީމްކޯޓު) ބިނާކޮށްފައިވަނީވެސް އެކަމަނާ އެވިދާޅުވާ ބަންޑާރަ މިސްކިތުގެ ގޯތިން ބައެއް ނަގައިގެންނެވެ. ޔުމްނާ މައުމޫން ބޮޑުފުޅުވީ އެތަނުގެ ތެރޭގައެވެ. ފަހަރުގައި މިއީ އެކަމަނާ އަށް މުޅިން އައު މަޢުލޫމާތަކަށް ވުން އެކަށީގެންވެއެވެ.

ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަޒީރު ކަމުގައި ތަރިކައިގެ ދަފްތަރު މުރާޖާ ނުކުރީ ކީއްވެތޯ ނޫސްވެރިން ވަނީ ސުވާލު އުފައްދާފައި.

މުޅި އެމްޑީޕީ އާއި މޭޔަރު އާދަމް އާޒިމް ބަންޑާރަ މިސްކިތުގެ ދިފާޢުގައި ނުކުމެވަޑައިގެން އުޅުއްވާއިރު، ބަންޑާރަ މިސްކިތަކީ ދިވެހިރާއްޖޭގެ ކާބަފައިންގެ އަތްތެރި މަސައްކަތުން، ދިވެހި ހިރި ގަލާއި ގަލުވަޑާންވެރިކަން ދައްކުވައިދޭ ތަނެއް ނޫނެވެ. އެއީ އިންޑިއާގެ ވޯރާ ވިޔަފާރިވެރިން، އެމީހުންގެ އަމިއްލަ މަޒްހަބީ ބޭނުންތަކަށް ބިނާކުރި ތަނެކެވެ. މިއީ ދިވެހި ތަރިކައަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ދިވެހި ތަރިކައަކީ ދިވެހިންގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ތަންތަނެވެ. އިންޑިއާގެ ބައެއްގެ ދީނީ އާދަކާދަތައް ދައްކައިދޭ ބިނާއެއް، ދިވެހިންގެ ”މޫނުބަލާ ލޯގަނޑު“ ކަމަށް ސިފަކުރުމަކީ ދިވެހި ތާރީޚަށް ކުރެވޭ މަލާމާތެކެވެ.

އާޒިމްގެ މި އަމަލުން ދޭހަވަނީ، އޭނާ އިސްކަންދެއްވަނީ ރައްޔިތުންގެ ލާބަޔަށްވުރެ ބޮޑަށް، އޭނާގެ ޕާޓީ އެމްޑީޕީގެ މަސްލަޙަތަށް ކަމެވެ. އެމްޑީޕީގެ ތިލަފަތުގެ އެއްކޮޅަށް ބަރުވެ ކުރިއަށް ގެންދިޔަ ޚާރިޖީ ގުޅުމުގައި ގެންގުޅުނު ޕޮލިސީ އާއި ގުޅުންހުރި ކޮންމެ ކަމެއް ދެމެހެއްޓުމަށް ކަމެވެ.

އެމްޑީޕީގެ ސިޔާސަތުތަކަކީ އަބަދުވެސް ބޭރުގެ ނުފޫޒުތަކަށް ދީލައިލުމަށް ބިނާވެފައިވާ ސިޔާސަތުތަކަކަށް ވާއިރު، މި މިސްކިތުގެ މައްސަލައިގައި ވެސް ފެންނަމުން މިދަނީ އެ މަންޒަރެވެ. މިސްކިތް ބާވެ، އޭގެ ފުރާޅުން ފެންވެހި، ފާރުތަކުން ސިމެންތި ނެއްޓި، ނަމާދުކުރަން ތިބޭ މީހުންނަށް އުނދަގޫވަމުންދާއިރު ވެސް، އެމްޑީޕީއަށްވެސް އަދި މާލޭގެ މޭޔަރަށްވެސް މުހިއްމުވީ އެތަނުގައި ހުރި ”ވޯރާ ވަންތަކަން“ ހިމާޔަތް ކުރުމެވެ.

ސަރުކާރުގެ ނިންމުމަކީ މާލޭގެ މުސްތަޤުބަލަށްޓަކައި ނިންމާފައިވާ ހަރުދަނާ ނިންމުމެކެވެ. ބަންޑާރަ މިސްކިތުގެ ބަދަލުގައި އެތަނުގައި އުފުލިގެންދާނީ ދިވެހިންގެ ސުންނީ އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭ، ޖާގަ ތަނަވަސް، ރީތި މިސްކިތެކެވެ. މިއީ މިއަދު މާލެއަށް އެންމެ ބޭނުންޖެހިފައިވާ ކަންތައްވެސް މެއެވެ. ސިޔާސީ ބަހަނާ ދައްކައިގެން، ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއެޅުމަކީ ޤައުމަށް ހެޔޮއެދޭ މީހުން ކުރާނެ ކަމެއް ނޫނެވެ. ބަންޑާރަ މިސްކިތް ތަޅާލައި އާ މިސްކިތެއް އެޅުމަކީ މިއަދު އެންމެ ފައިދާހުރި ގޮތެވެ. މާލޭގެ މޭޔަރުގެ މަޤާމުގައި ހުންނަވައިގެން، މާލޭގެ މިސްކިތްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އަމިއްލައަށް ކަމެއް ނުކުރެވުނުތަނުގައި ސަރުކާރުން ކުރާ މަސައްކަތަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް