ބޭނުންވާ ތަކެތި:
ތައްޔާރުކުރަން ނަގާ ވަގުތު :45 މިނެޓް
1 ބޮޑު ފިޔާ
5 ހިކަނދިފަތް
1 ގިތެޔޮމިރުސް (ނޫނީ ބޭނުން ވަރަކަށް)
½ ލުނބޯ
¼ ސައިސަމުސާ ގާނާފައިވާ އިނގުރު
½ ޖޯޑު ހުނި
¼ ސައިސަމުސާ ރީނދޫ
½ ސައިސަމުސާ މުގުރި ދިރި
1 މަސްދަޅު
½ ޖޯޑު ރިހާކުރު
½ ޖޯޑު މުރަނގަފަތް
½ ޖޯޑު ހަނޑޫފުށް (ހިމުންކޮށްފައި)
½ ޖޯޑު އާދައިގެ ފުށް
3 ބިސް
¼ ޖޯޑު ފެން
½ ސައިސަމުސާ ލޮނު (ބޭނުންނަމަ)
ހަދާނެގޮތް:
ފިޔައާއި، ހިކަނދިފަތާއި، ގިތެޔޮމިރުސް ތުނިކޮށް ކޮށާށެވެ. ދެން ކޮށި ސާމާނު ބޯތަށްޓަކަށް އަޅާފައި ލުނބޯހުތްކޮޅު އޭގެ ތެރެއަށް ފިތާލާފައި ރަނގަޅަށް މޮޑެލާށެވެ. ދެން އިނގުރުކޮޅާއި، ހުނި، ރީނދޫ އަދި ދިރިކޮޅު ބޯތަށްޓަށް އަޅައިފައި މޮޑެލާށެވެ. ދެން މަސްދަޅު އަޅާފައި ރަނގަޅަށް އެއްވަންދެން އަނެއްކާވެސް މޮޑޭށެވެ. ރިހާކުރާއި މުރަނގަފަތްކޮޅު ބޯތަށްޓަށް އަޅާށެވެ. ދެން އުލެއް ނުވަތަ ސަމުސަލެއް ބޭނުން ކޮށްގެން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ދެން ހަނޑޫ ފުށާއި، އާދައިގެ ފުށާއި، ފެނާއި، ބިސްކޮޅު ބޯތަށްޓަށް އަޅާ އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރާށެވެ. ބިސްކޮޅު ބޯތަށްޓަށް އަޅާނީ އެހެން ތަށްޓެއްގައި ފުރަތަމަ ގިރާލުމަށް ފަހުގައެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ރަހަބަލާލާފައި ބޭނުންވާ ބަދަލެއް ގެންނާށެވެ. އަހަރުމެން ރަހަބަލާލިއިރު ކުޑަކޮށް ލޮނު މަޑުހެން ހީވުމުން ލޮނުކޮޅެއް އަޅާލީމެވެ.
ތަވައެއް ހޫނު ކުރާށެވެ. ފޮޅި ފިހޭއިރު ތަތްލިޔަ ނުދިނުމަށް ކުޑަ ތެޔޮކޮޅެއް އޭގައި އުނގުޅާލާށެވެ. ތަވާ ރަނގަޅަށް ހޫނުވުމުން، އެއްކުރި ސާމާނުގެ އެތިކޮޅެއް އުނދުޅިއަކުން ނަގައި ތަވާ މެދަށް އަޅާފައި އުނދުޅީގެ އަނެއް ފުށް ބޭނުން ކޮށްގެން ވަށްކޮށް މަޑުމަޑުން ފަތުރާލާށެވެ.
ފޮޅި ކުޑަކޮށް އަރިމަތިން ނެއްޓޭގޮތް ވީމާއި ކުޑަކޮށް ހިތްލާލާފައި އަޑިއޮތީ ރަންމުށިކުލަ އަރާ ވަރަށް ފިހެވިފައިތޯ ޗެކްކުރާށެވެ. ފިހެވިފައިވާނަމަ ބިސްގަނޑު ފަތްޖަހާ ގޮތަށް މެދުން އެއްފަހަރު ފަތްޖަހާލާފައި ތަވައިން ފޮޅި ނަގާށެވެ. ފަތްނުޖަހާ ދެފުށަށް ޖަހައިގެންވެސް ފިހެވޭނެއެވެ.












