Ads by
ޚަބަރު
ޕީއެންއެފްގެ ލޯގޯ، ހުޅެވިހަނދަކާއި ތަރިއެއް
ޕީއެންއެފްގެ ދިދަ: ޕާޓީގެ ކުލަ އާއި ލޯގޯ އަދި ދިދަ ފާސްކޮށްފައި ވަނީ މިދިޔަ އީދު ވިލޭރޭ ބޭއްވި އެ ޕާޓީ އުފެއްދުމުގެ ޖަލްސާގައި - ފޮޓޯ:މަލީޙް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) ގެ ލޯގޯ އާއި ދިދަ ދައްކާލައިފިއެވެ.

Ads by Eki Online

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބައްވާފައި ވަނީ މިދިޔަ އީދު ވިލޭރޭގައެވެ. ޖަލްސާ ބޭއްވުމަށް ނިންމީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކަމަށް ވީނަމަވެސް އެތަނުގައި ބާއްވަން އުޅުނު ޖަލްސާ ބޭއްވޭ ގޮތް ނުވުމާ އެކު، ފަހުން އެ ޖަލްސާ ބާއްވާފައި ވަނީ ބްރިޖް ވިއު ޕްލެޓްފޯމުގައެވެ.

ޕީއެންއެފްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލު މިއަދު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޕާޓީގެ ލޯގޯ އާއި ދިދަ އާންމުކޮށްފައެވެ. ލޯގޯގައި ހިމެނެނީ ތަރިއެއްގެ ތެރޭގައި އިން ހުޅެވިހަނދެކެވެ. ދިދައިގައި ހިމެނެނީ ޕާޓީގެ ކުލައަކަށް ފާސްކޮށްފައިވާ ގުރާފެހި ކުލަ އާއި ނޫ ކުލައެވެ.

ޕާޓީގެ ވަގުތީ ރައީސްއަކަށް ޕީއެންއެފް އުފެެއްދުމަށް ބޭއްވި ޖަލްސާގައި ބައިވެރިވި 329 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވަނީ ޕާޓީގެ މުއައްސިސް އަދި ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޔާމީނެވެ.

ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް މީހުން އިންތިހާބު ކުރެވެންދެން އެ މަގާމުތަކަށް ވަގުތީ ގޮތުން މީހުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މަލީޙް އައްޔަންކުރެއްވިއިރު، ޓްރެޝަރާއަށް އަޙްމަދު މުސްތަފާ މުޙައްމަދު އަދި ރަޖިސްޓްރާއަށް ޢަލީ ޝިޔާން ވަނީ ހަމަޖައްސަވާފައެވެ. އެ ޕާޓީގެ ދާއިމީ ސެނެޓު ފާސްކުރެވެން ދެން އެކުލަވާލި ވަގުތީ ސެނެޓުގައި 20 މެންބަރުން ތިއްބަވައެވެ. އެ މެންބަރުންގެ ތެރޭގައި ރައީސް ޔާމީނާއި ޒޭން ޔާމީނާއި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި މަލީޙް ހިމެނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *