Ads by
ޚަބަރު
މާވަށުން 30 ހެކްޓަރުގެ ބިން ހިއްކައިދޭނަން: ރައީސް
މާވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވަނީ: ވިދާޅުވީ އެ ރަށުން 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް - ފޮޓޯ:ރައީސް އޮފީސް

ހައްދުންމަތީ މާވަށުގެ ބިން ހިއްކާއިރު، ކުރިން ހިއްކުމަށް ހަމަޖެހިފައިވާ 15 ހެކްޓަރުގެ ބަދަލުގައި 30 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ލ. އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމުގައިވާ ލ. މާވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިން އެ ރަށުގެ ބިން ހިއްކުމަށް އޮތީ 15 ހެކްޓަރު ކަމުގައިވިޔަސް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކަވާނެ ކަމަށެވެ. އަދި މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ހައްލެއް ލިބޭ ގޮތަށް އެ ސަރަހައްދު ހިމާޔަތްކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

“މިހާރު ވީހާވެސް އަވަހަކަށް އަމަލީގޮތުން އިރާދަކުރެއްވިއްޔާ ފުރަތަމަ ކުރެވޭނީ ކޮންމެގޮތެއްވިޔަސް އެ ޖަހަން ޖެހޭ ބަންޑްވޯލް، ނޫނީވިއްޔާ އެ ބިން ހިއްކުމުގެ ކުރިން ޖަހަން ޖެހޭ ބަންޑްވޯލް ޖެހުމުގެ މަސައްކަތް. ފަށައިގެން ހަމަ ބާރަށްދާނެ. ގޮސް ނިމޭއިރު 30 ހެކްޓަރު ހަމަކޮށްދޭނަން އިރާދަކުރެއްވިއްޔާ. 30 ހެކްޓަރު ހިއްކަން މި ނިންމީ، އެއީ، ޒުވާނުންނާއި އެކި އުމުރުފުރާގެ ރައްޔިތުންގެ މި ގެދޮރުގެ މައްސަލައަށް އެންމެ ބޮޑު ހައްލެއް ލިބޭނެ ކަންތަކަށްވާނެތީ،” ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރު އައިއިރު މުޅި ރާއްޖޭގައި ހުއްޓިފައިހުރި ބައެއް މަޝްރޫއުތައް އަލުން ފަށައިގެން މިހާރު ކުރިއަށްދާ ކަމުގައެވެ. އަދި 50 މިލިޔަނުން ފެށިގެން މަތީގެ ހަރަދުތައް ހިނގާ ބޮޑެތި މަޝްރޫއުތައް ވެސް އެކި މަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވެފައި ވަނީ އެފަދަ ބައެއް މަޝްރޫއުތައް ޖުލައި މަހާ ހިސާބުގައި ފެށޭނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މާލަސްތަކެއްނުވެ މާވަށާ ކައިރިން ފަޅު ތެރޭގައި ރިސޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ފެށޭނެކަން ފާހަގަކުރައްވާފައެވެ. އަދި އެ ރަށުގެ މަގުތައް ހެދުމާއި އެނޫންވެސް ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން އެދޭގޮތަށް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *