Ads by
ޚަބަރު
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވައިފި، ވަގުތީ ރައީސަކަށް ޔާމީންގެ ދަރިކަލުން ޒޭން
ޕީއެންއެފްގެ މުއައްސިސް އަދި ވަގުތީ ރައީސް ޒެއިން ޔާމީން (މެދުގައި): ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާފައި ވަނީ ބްރިޖް ވިއު ޕްލެޓްފޯމުގައި - ފޮޓޯ:މަލީޙް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބާއްވައިފިއެވެ.

Ads by Eki Online

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ނިންމީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކަމަށް ވީނަމަވެސް އެތަނުގައި ބާއްވަން އުޅުނު ޖަލްސާއަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން ފަހުން އެ ޖަލްސާ ބާއްވާފައި ވަނީ ރާޅުގަނޑު ސަރަަހައްދުގައެވެ.

ލޮޖިސްޓިކް ބައެއް ސަބަބުތަކާ ގުޅިގެން ކަމަށް ބުނެ ޖަލްސާ ބޭއްވުމަށް ޕީއެންއެފާ އެކު ވި އެއްބަސްވުން އަންގާރަ ދުވަހުގެ މެންދުރުފަހު އެ ސްކޫލުން ވަނީ ބާތިލުކޮށްފައެވެ. އަދި އެކަން އީމެއިލްގެ ޒަރީއާއިން ޕީއެންއެފަށް އެންގިއެވެ. އެހެންނަމަވެސް، އެކަމަށް ބެލުމެއް ނެތި ސްކޫލު ހޯލުގައި ޖަލްސާ ބާއްވަން އެ ޕާޓީން މަސައްކަތް ކުރުމާ ގުޅިގެން ޣިޔާސުއްދީނުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ސްކޫލު ރައްކާތެރިކޮށްދިނުމަށް އެދިފައެވެ.

ޣިޔާސުއްދީން ސްކޫލުގެ އެދުމާ އެކު އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންގެ އެހީތެރިކަމަށް އެދުމުން އެކަން ތަންފީޒުކުރުމަށް އެ އިދާރާއިން ވަނީ އެ ސްކޫލުގެ ގޭޓް ބަންދުކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ޖަލްސާއަށް ހުރަސް އެޅުމުގެ ކުރިން ބައެއް މީހުން ވަނީ ސްކޫލް ތެރެއަށް ވަދެފައެވެ. ޖަލްސާއަށް ހުރަސްއެޅުމާ ގުޅިގެން ފުލުހުންނާއި ޕީއެންއެފްގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުމެއް ވެސް ވަނީ ހިނގާފައެވެ.

އެފަހުން ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލު ވަނީ ޖަލްސާ އޮންނަ ތަން ބްރިޖް ވިއު ޕްލެޓްފޯމަށް ބަދަލުކޮށްފައި ވާތީ އެ ސަރަހައްދަށް ހުރިހާ ބައިވެރިން ދިއުމަށް އެދިވަޑައިގެންފައެވެ. މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގައިގެން، ޕީއެންއެފުން އަމިއްލައަށް ކަރަންޓު ދީގެން އެތަނުގައި ޖަލްސާ ފަށާފައި ވަނީ ރޭ 12:20 ހާއިރުއެވެ. އިލެކްޝަންސް ކޮމިޝަނުން ޖަލްސާގެ ހާޒިރީ ބެލުމަށް ފަހު، ބޭއްވި މި ޖަލްސާގައި އެ ޕާޓީގެ 329 މެންބަރުން ބައިވެރިވިއެވެ.

ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާގައި ޕާޓީގެ ވަގުތީ ރައީސް އާއި ޕާޓީގެ ލޯގޯ އާއި އަސާސީ ގަވާއިދުގެ އިތުރުން އެ ޕާޓީގެ ކުލަ ވަނީ ފާސްކޮށްފައެވެ. އަދި ޕާޓީގެ ދާއިމީ ސެނެޓު ފާސްކުރެވެން ދެން އެކުލަވާލި ވަގުތީ ސެނެޓް ވެސް ފާސްކުރިއެވެ. ޕާޓީގެ ވަގުތީ ރައީސްއަކަށް ޖަލްސާގައި ބައިވެރިވި 329 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވަނީ ޕާޓީގެ މުއައްސިސް އަދި ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޔާމީނެވެ.

ޕާޓީގެ ކުލައަކަށް ފާސްކޮށްފައި ވަނީ މަޑު ނޫކުލަ އާއި މަޑު ފެހި ކުލައެވެ. އެ ދެ ކުލަ ހިމެނޭ ލޯގޯގައި ވަނީ ތަރިއަކާއި ހުޅެވި ހަނދެކެވެ. ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް މީހުން އިންތިހާބު ކުރެވެންދެން އެ މަގާމުތަކަށް ވަގުތީ ގޮތުން މީހުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މަލީޙް އައްޔަންކުރެއްވިއިރު، ޓްރެޝަރާއަށް އަޙްމަދު މުސްތަފާ މުޙައްމަދު އަދި ރަޖިސްޓްރާއަށް ޢަލީ ޝިޔާން ވަނީ ހަމަޖައްސަވާފައެވެ. އެ ޕާޓީގެ ދާއިމީ ސެނެޓު ފާސްކުރެވެން ދެން އެކުލަވާލި ވަގުތީ ސެނެޓުގައި 20 މެންބަރުން ތިއްބަވައެވެ. އެ މެންބަރުންގެ ތެރޭގައި ރައީސް ޔާމީނާއި ޒޭން ޔާމީނާއި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި މަލީޙް ހިމެނެއެވެ.

ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއިރު، ޖަލްސާ ނިންމާލިކަން އިއުލާނުކުރުމާ އެކު އެ ސަރަހައްދަށް ރައީސް ޔާމިން ވަޑައިގެން، އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާ ވަނީ ބައްދަލުކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *