މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މަސްތުވާތަކެއްޗާއެކު އެ ސިޓީން ހައްޔަރުކޮށްފައިވަނީ މުޙައްމަދު މޫސާ، ޕިޔާނާގެ / ހދ. ކުޅުދުއްފުށި (36އ) ކަމަށެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތި ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި، އޭގެ ވިޔަފާރިކުރަމުންދާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައެއްގައި މި މަހުގެ ފަސްވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި މުޙައްމަދު މޫސާ ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، ވަގުތީ ބަރުދަނުގައި 2.6 ގުރާމު ހުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ހަތް ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން އަންނަކަމަށް ފުލުހުން ވަނީ އިތުރަށް ބުނެފައެވެ.













