ވޭތުވެދިޔަ އަހަރުތަކުގައި މާލޭ ސިޓީގެ ރައްޔިތުންނަށް، މާލޭ ސިޓީ ކައުންސިލްގެ ކަންކަން ހިނގައިދިޔަ ގޮތްވެސް ނޭނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މެންބަރު ޝުޖާއު މި މޭރުމުން ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން، އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ވިދިވިދިގެން 11 އަހަރު، މާލޭ ސިޓީގެ ރައްޔިތުން އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން އިންތިޚާބު ކޮށްފައިވާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، މާލޭ ސިޓީގެ ”ރަށު އޮފީސް“ އެ 11 އަހަރުދުވަހުގެ ތެރޭގައި ހިނގި ގޮތް މާލޭ ސިޓީގެ ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.
”މާލޭގެ ރައްޔިތުންނަކަށް ނޭނގޭ މާލޭ ސިޓީ ކައުންސިލް ހިނގަނީ ކިހިނެއް ކަމެއް، ނަމަވެސް މާލޭ ސިޓީ ކައުންސިލުގައި ރައްޔިތުން ރިޕްރެޒެންޓް ކުރަން ދާއިރާތަކުން ހޮއްވަވައިފަ ތިއްބެވީ، ކައުންސިލަރުން އެ ބޭފުޅުން ރައްޔިތުން ރިޕްރެޒެންޓްކޮށް ދާއިރާ ރިޕްރެޒެންޓް ކުރުމަށްޓަކައި،“ – މެންބަރު ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުން ތަމްޞީލުކުރަން އިންތިޚާބުކޮށްފައިވާ ކައުންސިލަރުން، ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކުގައި ދައްކަނީ ކޮން ވާހަކަތަކެއް ކަމެއް، އަދި މާލޭ ސިޓީގެ އެކި ދާއިރާތަކުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ވަކާލާތު ކުރައްވާ ކަމެއް 11 އަހަރުވެގެން ދިޔައިރުވެސް މާލޭގެ ރައްޔިތުންނަކަށް ނޭނގޭ ކަމަށް މެންބަރު ޝުޖާއު ވިދާޅުވިއެވެ.
ނަމަވެސް އެކަން އޮތްގޮތް ނިމުމަކަށް ގެނެސް، މާލޭ ސިޓީ ކައުންސިލުގެ ހިންގުން ހަރުދަނާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ޝުޖާއު އިތުރަށް ވިދާޅުވިއެވެ.













