Ads by
ޚަބަރު
ޒަކާތު ހައުސްގެ ޑިރެކްޓަރަކަށް ޝައިޚް ޢިއްޒައްދީން
ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް އައްޔަންކުރެއްވި ޢިއްޒައްދީނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް ފަޟީލަތުއް ޝައިހް ޢިއްޒައްދީން ޢަދްނާން އައްޔަންކުރައްވައިފިއެވެ.

Ads by Eki Online

ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް އައްޔަންކުރެއްވި ޢިއްޒައްދީނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ޢިއްޒައްދީނަކީ 2008 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީގައި އެކި މަގާމުތައް އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ. އެންމެފަހުން އޭނާ އަދާކުރައްވާފައި ވަނީ އެ މިނިސްޓްރީގެ މުސާޢިދު ވާޢިޒުގެ މަގާމެވެ.

ޕާކިސްތާނުގެ އިސްލާމީ އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މަތީތައުލީމް ހާސިލުކުރެއްވި ޢިއްޒައްދީން މިހާރު ދަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ޕީއެޗްޑީ ހާސިލުކުރައްވަމުންނެވެ. އޭނާ ވަނީ 2016 ވަނަ އަހަރު މާސްޓަރ އޮފް ޝަރީއާ ކޯސް ފުރިހަމަ ކުރައްވައި ބުކް ޕްރައިޒް ވެސް ހާސިލުކުރައްވާފައެވެ.

ޢިއްޒައްދީނަކީ ދީނީ ނަސޭހަތް ދެއްވުމާއި ދީނީ ގޮތުން މީހުން ހޭލުންތެރިކުރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު “ދިވެހިރާއްޖޭގެ ޒަކާތު ހައުސް” އުފައްދަވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަަނަ ދުވަހުއެވެ. އެމަނިކުފާނު ޒަކާތު ހައުސް އިފުތިތާހުކޮށްދެއްވާފައި މި އަހަރު ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.

މި އިދާރާ އުފައްދާފައި ވަނީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އުފެއްދި މި އިދާރާގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނު ކުރުމާއި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް ޒަކާތު ހައުސްއިން ކުރާނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ސަލީމް3 މަސް ކުރިން

ޤާބިލް އަމާނާތްތެރި ބޭފުޅެއް. މާޝާﷲ

0
0