Sunday, 26 July 2026
Ads by

ސުވަރުގެ އެދޭމީހާ ފަހު 10 ގެ ރޭތަކުގެ މާތްކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތް ކުރަންޖެހޭ: ޚުޠުބާ

ސުވަރުގެ އެދޭމީހާ ފަހު 10 ގެ ރޭތަކުގެ މާތްކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތް ކުރަންޖެހޭ: ޚުޠުބާ

ސުވަރުގެ އެދޭ މީހާ މި ރަމަޟާން މަހުގެ ފަހު 10 ގެ ރޭތަކުގެ މާތްކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދެއްވައިފިއެވެ.

Ad Image
Ads by

“ ރަމަޟާން މަހުގެ ފަހު ދިހަ“ މި މައުޟޫޢު އަށް މިއަދު އިއްވި ޚުޠުބާގައި ވަނީ ފަހުދިހައިގެ ދަރުމަ އާއި ޘަވާބު ހޯދުމަށް ގަދަ އަޅާ މަސައްކަތް ކުރުމަށް ނަޞޭޙަތްތެރި ވެފައެވެ. އަދި ރަމަޟާންމަސް އަހަރުމެންނާއި ވަކިވާ ވަގުތު ކުޑަތަންވަމުންދާކަން ހަނދާންކޮށްދެމުން، ކުރެވުނު ހެޔޮ ޢަމަލުތަކާ މެދު ވިސްނައި އިތުރަށް ހެޔޮ ޢަމަލުކުރުމުގައި ދެމިތިބުމަށް ކުރެވޭން ހުރީ ކޮން ކަންތަކެއްތޯ ބެލުމަށް ޚުޠުބާގައި ގޮވާލިއެވެ.

މުސްލިމް އަޚުންނޭވެ! ރަޙުމަތުގެ މައްސަރު އަހަރެމެންނާ ވަކިވުމުގެ ވަގުތު ކުޑަތަންވަނީއެވެ. ކުރެވުނު ހެޔޮ ޢަމަލުތަކާ މެދު ވިސްނައި އިތުރަށް ހެޔޮ ޢަމަލުކުރުމުގައި ދެމިތިބުމަށް ކުރެވޭން ހުރީ ކޮން ކަންތަކެއްތޯ ބަލާށެވެ! އަހަރެމެންނާ މި ބައްދަލުކުރަނީ މި ބަރަކާތްތެރި މައްސަރުގެ ފަހު ދިހައިގެ ދުވަސްތަކެވެ. އަހަރުގެ ތެރޭގައި މައްސަރުތަކާއި ދުވަސްތަކާއި ރޭތައް ﷲ تَعَالَى ވަނީ ޚާއްޞަކުރައްވައިފައެވެ. އެ ގޮތުން ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ ކަމާއި މާތްކަމުގެ ގޮތުން އެންމެ މާތް ދިހަ ދުވަހެވެ. އެންމެ ހެޔޮ ރޭތަކަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައްކަމުގައި ލެއްވިއެވެ. އަދި އޭގެ ތެރޭގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން ބޮޑު ލައިލަތުލްޤަދުރި ލެއްވިއެވެ. އެ ރޭ ކީރިތި ޤުރްއާން ބާވައިލެއްވިއެވެ.

މީގެ އިތުރުން ލޮބުވެތި ނަބިއްޔާ ﷺ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި الله سبحانه وتعالى އަށް ކުއްތަންވެވަޑައިގެން އަޅުކަންކުރެއްވުމުގައި އިތުރަށް ހީވާގިވެވަޑައިގަތްކަން ހަނދާން ކޮށްދެމުން ޚުޠުބާގައި ބުނީ ތިމާގެ އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަހުލުންނަށް އެދުމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވައިފައިވާ ކަމެއް ކަމަށާއި، އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ވަނީ އެކަލޭގެފާނުގެ ޢަމަލުފުޅުން އެ ކަން އުންމަތަށް ދައްކަވައިދެއްވައިފައި ކަމަށެވެ.

 أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވެއެވެ. (كَانَ رَسُولُ اللهِ z إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ، وَأَيْقَظَ أَهْلَهُ، وَجَدَّ، وَشَدَّ الْمِئْزَرَ). މާނައީ: ”ރަސޫލު اللَّهِ ﷺ ރަމަޟާންމަހުގެ ފަހު ދިހަ އައުމުން ހުރިހައި ރެއެއް އިޙުޔާކުރައްވައެވެ. އަދި އެކަލޭގެފާނުގެ އަހުލުވެރީން އަޅުކަންކުރެއްވުމަށް އަވަހާރަފުޅުން ނަންގަވައެވެ. އަދި އެކަލޭގެފާނު ކަމަރުކޮޅުބަންނަވައި އަޅުކަންކުރެއްވުމުގައި އިތުރަށް، ހީވާގިވެވަޑައިގަންވައެވެ.“ ރަމަޟާންމަހަކީ އަޅުކަމުގެ މައްސަރުކަމަށް ވާތީ ރޭ އަޅުކަންކުރުން ގިނަކުރުމަށް ހިތްވަރުދެއްވައި ރަސޫލު اللهِ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ قَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ). މާނައީ: ”އީމާންކަމާ އެކު، ސަވާބަށް އެދޭ ޙާލުގައި ރަމަޟާންމަހު ރޭ އަޅުކަންކޮށްފި މީހާ ދަންނާށެވެ! ފަހެ، އޭނާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ.“

މީގެ އިތުރުން ޚުޠުބާގައި ބުނީ ރަމަޟާންމަހު ފަހު ދިހައިގެ ރޭތަކަކީ ކާއިނާތުގެވެރި اللهُ سُبْحَانَهُ وَتَعَالَىގެ ރަޙުމަތާއި ފުއްސެވުމާއި ރުއްސެވުމާއި ދިންނެވުން، އޭގެ އިންތިހާއަށް އަޅުތަކުންނަށް ދެއްވާނެކަން އަންގަވައިފައިވާ ރޭތަކެއް ކަމަށެވެ. އެހެންކަމުން އެ ރޭތަކުގެ މާތްކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާންޖެހޭނޭ ކަމެއް ކަމަށް ހަނދާންކޮށްދިނެވެ.

ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި ލައިލަތުލްޤަދުރި ހޯދުމަށް މަސައްކަތްކުރުމާ ބެހޭ ގޮތުން ޚުޠުބާގައި ވަނީ ނަބިއްޔާ ﷺ ޢަމަލުކުޅަ ގޮތްތައް ހިއްސާކުރައްވާފައެވެ.

ރަސޫލު اللَّهِ ﷺ ޙަދީޘްކުރެއްވިއެވެ. ”ތިޔަބޭކަލުންނަށް، ފަހު ދިހައިގެ ހަތް ރެއިން ރެއެއްގައި އެއް ކަހަލަ ހުވަފެންފުޅެއް ފެނިވަޑައިގަތްކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ. ފަހެ، އެރޭ ލިބިގަތުމަށް އެދޭ މީހާ، ފަހު ދިހައިގެ ހަތްރޭ ގަދައަޅައި މަސައްކަތްކުރާ ހުށިކަމެވެ.“

ލައިލަތުން ޤަދުރި ވިލޭރޭގެ މަތިވެރިކަމާއި މެދު ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅުތަކާއި ނަބިއްޔާ ﷺ ގެ ޙަދީޘް ބަސްފުޅުތަކުން ޚުޠުބާގައި މިސާލުތައް ދެއްކެވިއެވެ.

ފަހު ދިހައިގެ ހަތްރޭގެ ތެރޭގައި اللهُ سُبْحَانَهُ وَتَعَالَى އެ ރެއެއްގެ މާތްކަން އެއްހާސް މައްސަރުގެ ހެޔޮ ކަން ލައްވައިފައިވާ ލައިލަތުލްޤަދުރި ހިމެނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

لَيْلَةًالْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ نَزَلُ الْمَلَيكَةُ وَالرُوحُ فِيهَا بِإِذْنِ رَبِّهِم مِن كُلِّ أَمْرٍ سَلَمْ هِيَ حَتَّى
مطلع الفجر

މާނައީ: ”ليلةالقدر ވިލޭރޭ، އެއް ހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. ملائكةންނާއި، جبريلގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذنފުޅާ އެކު، ހުރިހައި أمرފުޅަކާއިގެން އެ ރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ فجرގެ އަލިކަން ފާޅުވެއްޖައުމަށްދާންދެން، أمانކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.“

ލައިލަތުލްޤަދުރިއަކީ އަށްޑިހަ ތިން އަހަރާއި ގާތްގަނޑަކަށް ހަތަރު މަސްދުވަހު މާތް ﷲއަށް އަޅުކަން ކުރުމުގައި ދެމިހުރި މީހަކަށް ލިބޭ ސަވާބާއި ދަރުމަ އެންމެ ރެއަކުން ލިބޭ ރެއެކެވެ. ވީ އިރު، މި ދަރުމައާއި ސަވާބު ޙާޞިލުވޭތޯ ގަދައަޅައި މަސައްކަތްކުރުމަށް ޚުޠުބާގައިވަނީ ގޮވާލާފައެވެ.

މިއާއިއެކު ރަމަޟާންމަހު ފަހު ދިހައިގެ ރޭތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފުމުގެ ގޮތުން ދީލަތިކަމާއިއެކު، ހޭދަކުރުން ގިނަ ކުރުމަށް ނަޞޭޙަތްތެރިވިއެވެ. ފަހު ދިހައިގެ ދުވަސްތަކުގައި ހޭދަކުރުމާއި ޞަދަޤާތްކުރުން ގިނަކުރުމަށާއި، މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ ފިޠުރު ޒަކާތް ނެރުމަށް ސަމާލުކަންދީ އެ ކަމަށް އަވަސްވެގަތުމަށްވެސް ޚުޠުބާގައި ގޮވާލިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި