Ads by
ޚަބަރު
އިދާރާތަކުން އެހީތެރިކަން ނުލިބޭތީ ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ ފަސްކޮށްފި
ދައުލަތުގެ އިދާރާތަކުން ލިބެން ޖެހޭ އެހީތެރިކަން ނުލިބޭ ކަމަށް ބުނެ ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ ވަނީ ފަސްކޮށްފައި

ދައުލަތުގެ އިދާރާތަކުން ލިބެން ޖެހޭ އެހީތެރިކަން ނުލިބުމުން ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަން ބާއްވާ ޖަލްސާ ފަސްކޮށްފިއެވެ.

Ads by Eki Online

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީ، ޕީއެންއެފް އުފެއްދުމަށް ބާއްވާ ހާއްސަ ޖަލްސާ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ ކަމަށް އާދިއްތަ ދުވަހު އެ ޕާޓީގެ ފަރާތުން ވަނީ ބުނެފައެވެ. ޕީއެންއެފުން ބުނެފައި ވަނީ އެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ފޯމު ހަމަވުމާ އެކު އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ހުއްދަ ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޕާޓީ އުފައްދަން ބާއްވާ ޖަލްސާ އާ ގުޅޭގޮތުން ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލް “އެކްސް” ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ދައުލަތުގެ އެކި އިދާރާތަކުން ލިބެން ޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ހޯމަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހުނު ޖަލްސާ ފަސްކޮށްފައިވާ ކަމުގައެވެ. ޖަލްސާ ދެން ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް އެދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން ހޮނިހިރު ދުވަހު ވަނީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީ އާ ގުޅޭގޮތުން ކަރެކްޝަނުން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. ކަރެކްޝަނުން ހަމައެކަނި ބުނެފައި ވަނީ ރައީސް ޔާމީންގެ ސިޓީއަށް ޖަވާބު ދީފައިވާނެ ކަމަށެވެ.

ޕީއެންއެެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވިއިރު، އެމަނިކުފާނު ގެންދަވަނީ އެ ޕާޓީގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ވާހަކަ ވެސް ދައްކަވަމުންނެވެ. ސިޔާސީ ހަރަކާތްތަކުގައި ރައީސް ޔާމީން ތަކުރާރުކޮށް ބައިވެރިވެވަޑައިގަންނަވާ މައްސަލަ ކަރެކްޝަނުން ބަލަމުން ދިޔަ ނަމަވެސް މިހާތަނަށް އެކަމަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ކުށް ސާބިތުވެ، 11 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން އައި ނަަމަވެސް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ދިން ލުއިތަކާ އެކު އެމަނިކުފާނު މިވަގުތު ހުންނެވީ ގޭބަންދެއްގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *