Ads by
ޚަބަރު
ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ
ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން: ޕާޓީ އުފެއްދުމުގެ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ - ފޮޓޯ:ޕީއެންއެފް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ހާއްސަ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by Eki Online

ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ފޯމު ހަމަވުމާ އެކު އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ހުއްދަ ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޕާޓީ އުފައްދަން ބާއްވާ ޖަލްސާ އާ ގުޅޭގޮތުން ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދަމާރޭ ބާއްވާ އެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިކަމާ ގުޅިގެން މަލީޙް އިތުރު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް އެދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން އިއްޔެ ވަނީ ސިޓީއެއް ފޮނުވާފައެވެ.

އެހެންނަމަވެސް އެކަމާ ގުޅޭގޮތުން ކަރެކްޝަނުން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. ކަރެކްޝަނުން މިއަދު ހަމައެކަނި ބުނެފައި ވަނީ ރައީސް ޔާމީންގެ ސިޓީއަށް ޖަވާބު ދީފައިވާނެ ކަމަށެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ ގިޔާސުއްދީން ސްކޫލް ހޯލުގައެވެ.

ޕީއެންއެެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވިއިރު، އެމަނިކުފާނު ގެންދަވަނީ އެ ޕާޓީގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ވާހަކަ ވެސް ދައްކަވަމުންނެވެ. ސިޔާސީ ހަރަކާތްތަކުގައި ރައީސް ޔާމީން ތަކުރާރުކޮށް ބައިވެރިވެވަޑައިގަންނަވާ މައްސަލަ ކަރެކްޝަނުން ބަލަމުން ދިޔަ ނަމަވެސް މިހާތަނަށް އެކަމަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ކުށް ސާބިތުވެ، 11 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން އައި ނަަމަވެސް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ދިން ލުއިތަކާ އެކު އެމަނިކުފާނު މިވަގުތު ހުންނެވީ ގޭބަންދެއްގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *