Ads by
ޚަބަރު
ކުޑަކުދިން ޖިނާއީ ކުށްތަކަށް ޒިންމާވާން ޖެހޭ އުމުރު 12 އަހަރަށް ދަށް ކުރަނީ
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން: ކުޑަކުދިން ޖިނާއީ ކުށްތަކަށް ޒިންމާވާން ޖެހޭ އުމުރު 12 އަހަރަށް ދަށް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި - ފޮޓޯ:ހޯމްލޭންޑް މިނިސްޓްރީ

ކުށްކުރާ ކުޑަކުދިންނަށް 15 އަހަރު ނުފުރޭ ނަމަ އަދަބު ނުދެވޭ ގޮތަށް އޮންނަ އޮތުން އުވާލައި, ކުށަށް ޒިންމާވާން ޖެހޭ އުމުރު 12 އަހަރަށް ދަށް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

Ads by Eki Online

ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓާސްކްފޯހުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ ކުޑަކުދިން ކުރާ ކުށްތައް ހުއްޓުވަން މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖިނާއީ ކުށްތަކަށް ޒިންމާ އުފުލަން ޖެހޭ އުމުރު މަތިކޮށްފައި އޮންނަ އޮތުން ކަމަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނުގައިވާ ގޮތުން ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރުވުމުންނެވެ. އެ ގާނޫނުގެ ކުރިން އޮތީ އުމުރުން 10 އަހަރުވުމުން އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކުގެ ޒިންމާ އުފުލަން ޖެހޭ ގޮތަށެވެ. އަދިހުރިހާ ކުށެއްގެ ޒިންމާ 13 އަހަރުވުމުން އުފުލަން ޖެހޭ ގޮތަށެވެ.

“މި ވަގުތު ޖިނާއީ ކުށެއް ކުރިއަސް އެކަމަށް ޒިންމާ ނުކުރެވޭ. މި އުމުރު 12 އަހަރަށް ބަދަލުކުރަން މި ނިންމީ،” އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ދައުރުވުމާ ގުޅިގެން ކަމާ ގުޅުންހުރި ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވިދާޅުވިއެވެ.

ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނަށް ބަދަލު ގެނެސް، ޖިނާއީ ކުށްތަކަށް 12 އަހަރުގައި ޒިންމާ އުފުލަން ޖެހޭ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަން ހާމަކޮށް އިހްސާން ވިދާޅުވެފައި ވަނީ ޖުވެނައިލް ޑިޕާޓްމަންޓުގެ ރިކޯޑުތައް ބުނާ ގޮތުން، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ 200 އެއްހާ ކުޑަކުދިން މިހާރު އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ 12-14 އަހަރާ ދެމެދުގެ ކުދިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިހްސާން ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ކުށްތަކަށް ޒިންމާވާން ޖެހޭ އެންމެ ހަގު އުމުރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 12-14 އަހަރު ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *