ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް، މިއަދު އެ ޕާޓީން ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ޕީއެންސީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ކޮންގްރެސް ޓީމާއިއެކު ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޑރ. މުޢިއްޒު މިއަދުގެ ދޮރުން ދޮރަށް ހަރަކާތަށް ނުކުމެވަޑައިގަތީ އެ ޕާޓީގެ ފަރާތުން މައްޗަންގޯޅި އުތުރު ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށެވެ. މި ހަރަކާތުގައި ޕީއެންސީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މީގެ ކުރިންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް އެ ޕާޓީން ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން މައްޗަންގޯޅި މެދު ދާއިރާ، މެދު ހެންވޭރު ދާއިރާގެ އިތުރުން ގަލޮޅު ދެކުނު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެކި ސަބަބުތަކާ ހުރެ، ޖުމްލަ 69 ގޮނޑިއެއް އިންތިޚާބަކާ ނުލައި ޕީއެންސީއަށް ކާމިޔާބުވެފައިވާ އިރު އޭގެ ތެރޭގައި ކައުންސިލްތަކުގެ 28 ގޮނޑިއެއް ހިމެނެއެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އެހެންކަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ޖުމްލަ 2,962 ކެންޑިޑޭޓުން ވާދަކުރާނެއެވެ.
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 294,937 މީހުންނަށް ލިބިފައިވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ. އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު ހަމަ އެ ދުވަހު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓު ނެގުންވެސް އޮންނާނެއެވެ.












