Ads by
ޚަބަރު
ހެޔޮކަމެއް ކުރެވުމުން އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހޭ: ޚުޠުބާ
ދަރުސް ޕްރޮގްރާމެއް: ހެޔޮކަމެއް ކުރެވުމުން އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހޭ ކަމަށް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ހެޔޮކަމެއް ކުރެވުމުން އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ads by Eki Online

ރަމަޟާން މަހަށް ފަހު ހެޔޮޢަމަލުތައް ކުރުން މަތީ ދެމިތިބުމުގެ މައްޗަށް އަލިއަޅުވާލައި ޚުޠުބާގައި ބުނެފައި ވަނީ ރަމަޟާން މަސް އަހަރެމެންނާ އަލްވަދާޢު ކިޔަނީ ކަމަށާއި ފުރިހަމަ މުއުމިނަކު، ދުވަހަކުވެސް ހެޔޮޢަމަލު ކުރުމަކަށް އަލްވަދާޢެއް ނުކިޔާނެ ކަމަށެވެ. އަހަރެމެންނަށް އޮތީ ރަމަޟާން މަސް ނިމުމަށްފަހުގައި ވިޔަސް، ހެޔޮޢަމަލު ކުރުންމަތީ ދެމިތިބުން ކަމަށެވެ. ޔަޤީންވެގެންވާ މަރު އަހަރެމެންނާ ބައްދަލުކޮށްފުމަށް ދާންދެން ކަމަށެވެ. އަޅުކަން ކުރުމަކީ އަހަރެމެން ޚަލްޤުކުރެއްވުމުގެ މަޤްޞަދު ކަމަށެވެ.

އަޅުކަން ކުރުމަކީ ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން ކަން ފާހަގަކޮށް ޚުޠުބާގައި ބުނީ ރަމަޟާން މަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުވެސް ވެރި ﷲ ކަމަށެވެ. މުއުމިނުންނަކީ ވަކި މަހެއްގައި، ވަކި މޫސުމެއްގައި، ﷲ އަށް އަޅުކަން ކުރަން ޖެހޭ ބައެއް ނޫން ކަމަށެވެ. މުޅި ޙަޔާތުގައި އަޅުކަން ކުރަން ޖެހޭނެ ކަމަށެވެ. ބައެއް މޫސުންތަކުގައި އަޅުކަން ކުރުން ގިނަވާ ކަމަށާއި ރަމަޟާން މަހަކީ އެފަދަ މޫސުމެއް ކަމަށެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ކަަމަށެވެ.

ހުކުރު ޚުޠުބާގައި ބުނި ގޮތުގައި މުސްލިމަކު ހެޔޮޢަމަލެއް ކުރުމަށް ފަހު، އެންމެ މުހިންމު ކަމަކީ އެ ޢަމަލު ޤަބޫލުކުރައްވާތޯ ދެންނެވުމާއި އެ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާ ދެންނެވުން ކަމުގައެވެ. ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން ދަނީ، ޝައްވާލު މަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގުފަހިކޮށްދީފައި ކަމުގައެވެ. ހެޔޮކަމަށް އެދޭ މީހަކަށް ވުމަށާއި ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުން ހިފައި މުޅި އަހަރު ރޯދަ ހިފިކަމުގެ ޘަވާބު ލިބިގަތުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

“ގިނަގިނައިން ތައުބާވެ، މާތް ﷲ ގެ ހަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. އެކަލާނގެއީ ތައުބާ ޤަބޫލުކުރައްވާ، ފާފަފުއްސަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ އެކަލާނގެ ކޯފާއަށްވުރެ ރަޙްމަތް ތަނަވަސް ރަސްކަލާނގެއެވެ. އެކަލާނގެ ޒާތުފުޅަށް ރަޙްމަތް ލާޒިމް ކުރައްވާފައިވާ ރަސްކަލާނގެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ! އެކަމަށް އަވަސްވެ ގަންނާށެވެ! އެކަލާނގެ ރަޙްމަތުގެ ދޮރުކޮޅު ވަނީ އެ ދޮރުކޮޅުން ވަންނަން ބޭނުން ކޮންމެ މީހަކަށް ހުޅުވިފައެވެ.”

ނިމިގެންމިދާ ރަމަޟާން މަހު ޢަމަލުތައް ހުރިގޮތާމެދު ވިސްނާލުމަށާއި ޤަވާއިދުން ފަރުޟު ފަސް ނަމާދު އަދާކުރެވުނު ނަމަ އެ ނަމާދުތައް ކުރުން ރަމަޟާން މަހަށް ފަހުގައި ވެސް ދެމެހެއްޓުމަށާ އަދި ކޮންމެ ދުވަހަކުވެސް ޤުރްއާނުން ޞަފްޙާއެއް ކިޔެވޭތޯ ބެލުމަށް ޚުޠުބާގައި ވަނީ އެދިފައެވެ.

ހެޔޮޢަމަލު ކުރުމުގައި ހީވާގިވުމަށާއި ކިތަންމެ މަދުން ކުރެވުނަސް ހުއްޓާނުލުމަށް އެދި މިއަދުގެ ޚުޠުބާގައި ބުނީ އެއީ ނަބަވީ މަންހަޖު ކަމަށެވެ. ކުރިން ކުރެވިފައިވާ ހެޔޮޢަމަލުތަކަކީ ގިނަގުނަ ޢަމަލުތަކެއް ކަމުގައި ދެކިގެން ނުވާނެ ކަަމަށެވެ. ކުރެވުނު ހެޔޮޢަމަލަށްޓަކައި ބޮޑާވެ، އެއީ މާގިނަ ހެޔޮޢަމަލުތަކެއް ކަމުގައި ދެކޭނަމަ އެ ޢަމަލުތައް ބާޠިލުވެދާނެ ކަމަށެވެ.

“އަހަރެމެންނަށް ހެޔޮކަމެއް ކުރެވުމުން، އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހެއެވެ. ކުރެވުނު ޢަމަލުގެ ގިނަކަމުން، ސުވަރުގެ ޔަޤީންވީ ކަމަށް އަހަރެމެން ދެކިގެން ނުވާނެއެވެ.”

ބައްޔެއްގެ ސަބަބުން ނުވަތަ ދަތުރެއްގެ ސަބަބުން ނުވަތަ ވަރުބަލިކަމުގެ ސަބަބުން ނުވަތަ ހަނދާންނެތިގެން ވިޔަސް ސުންނަތް އަޅުކަމެއް ދޫވެއްޖެ ނަމަ، އެކަމެއް ފިލައި ދިއުމުން އެ އަޅުކަމެއް ކުރުމަށް އަވަސްވާން ޖެހޭކަން ފާހަގަކޮށް ޚުޠުބާގައި ވަނީ ޢުޛުރަކާހުރެ ދޫވި އަޅުކަންތަކުގެ ޘަވާބު، ﷲ ތައާލާ ފުރިހަމައަށް ދެއްވާނެ ކަމަށް ބުނެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *