ދިވެހިރާއްޖެއަކީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ މެންބަރުންގެ ލޯނުތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ޤައުމެއް ކަމަށާއި، ނަމަވެސް ޖީސީސީގެ މެންބަރު ޤައުމުތަކާއި ޚިލާފަށް، އީރާނުން ރާއްޖެއަށް މާލީ ގޮތުން މާބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއާއި ގަލްފުގެ ޤައުމުތަކާއެކު އޮތް ޒަމާންވީ މާލީ ގުޅުން ފާހަގަކުރައްވައި، ޓޫރިޒަމް އިންޑަސްޓްރީ މޯލްޑިވްސް ވަޓްސްއެޕް ގްރޫޕަށް ފޮނުއްވެވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއާއި ޖީސީސީގެ މެންބަރު ޤައުމުތަކަށް ކުރިމަތިވެދާނެ ހަމަނުޖެހުންތަކާއި ނުރައްކާތަކާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވުން ފާޅުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
”ރާއްޖެއަށް މައިގަނޑު ގޮތެއްގައި ލޯނު ލިބެނީ ސަޢޫދީ ޢަރަބިއްޔާއާއި ޖީސީސީގެ މެންބަރު ޤައުމުތަކުން. އެހެންކަމުން، މި ޤައުމުތަކަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމެއް ނުވަތަ ގެއްލުން ލިބިއްޖެނަމަ ދިވެހި ސަރުކާރުން ކަންބޮޑުވުން ފާޅުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް،“ – ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ސަޢޫދީ ޢަރަބިއްޔާއާއި ޖީސީސީގެ މެންބަރު ޤައުމުތަކާއި ޚިލާފަށް އީރާނުން ރާއްޖެއަށް ވެދީފައިވާ މާބޮޑު އެހީތެރިކަމެއް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މި މޭރުމުން ވިދާޅުވެފައި މިވަނީ، މެދުއިރުމަތީގައި ހަމަނުޖެހުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިޒުރޭލާއި އެމެރިކާ އިސްވެ ތިބެ އީރާނަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާތަކުގެ ސަބަބުން އީރާނުން ވަނީ އިޒުރޭލަށާއި، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އެބައިމީހުންގެ އެސެޓްތަކަށް އަމާޒުކޮށް ރައްދުގައި ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށްފައެވެ.













