Ads by
ޚަބަރު
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދީފި
ޕީއެންއެފް އުފެއްދުމަށް މަސައްކަތްކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޫކުރުން - ފޮޓޯ:އީސީ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވަން ޖެހޭ ހާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) ދީފިއެވެ.

Ads by Eki Online

އީސީން މިއަދު ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕީއެންއެފް އުފެެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ، އެ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ޕީއެންއެފް އުފައްދަން ހުށައަޅާފައި ވަނީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީނެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

ޕާޓީ އުފައްދަން ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދިނުމާ ގުޅިގެން ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތް ދާނީ ހަލުވި މިނުގައި ކުރިއަށް ކަމަށެވެ.

ޕާޓީއެއް ރަޖިސްޓްރީކޮށްދެނީ 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުން، ފޯމުތައް ސައްހަތޯ އީސީން ބެލުމަށް ފަހުގައި ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުންނެވެ. ޕާޓީއެއް އުފައްދަން ބާއްވާ ޖަލްސާއަށް މަދުވެގެން 300 މެންބަރުން ހާޒިރުވާން މަޖުބޫރު ވާނެއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވާ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށާފައި ވަނީ ހިނގަމުންދާ ވެރިކަން ފެށުނު ފަހުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަޝިޕާ އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެޑައިގަތުމަށްފަހުގައެވެ.

މިއީ ރައީސް ޔާމީން އުފައްދަވާ ތިންވަނަ ސިޔާސީ ޕާޓީއެވެ. އެންމެ ފުރަތަމަ އެމަނިކުފާނު އުފައްދަވާފައި ވަނީ ޕީޕަލްސް އެލަޔަންސް (ޕީއޭ) އެވެ. އެއަށްފަހު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާ ގުޅިވަޑައިގެން ޕީޕީއެމް އުފެއްދެވުމުގައި ވެސް އިސްކޮށްއުޅުއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *