Ads by
ޚަބަރު
ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިއްޖެ
މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނަނީ: ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ވަނީ ލިބިފައި - ފޮޓޯ:ޒަކާތު ހައުސް

މި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

Ads by Eki Online

މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 4،499،433 ރުފިޔާ ވަނީ ލިބިފައެވެ.

މި މަހު 11 ވަނަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފެށިއިރު، އެންމެ ގިނަ މީހުން ފިތުރު ޒަކާތް ދައްކާފައި ވަނީ އާދައިގެ ހަނޑުލަށްވާ ފައިސާއިންނެވެ. އަދި އެންމެ މަދުން މީހުން ޒަކާތް ދެއްކީ ރަތް ހަނޑުލަށްވާ ފައިސާއިންނެވެ.

ޒަކާތު ހައުސްއިން ވަނީ ކޮންމެތާކު ހުރެގެން ވެސް ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާފައެެވެ. އެގޮތުން ބަނޑޭރި ޕޭ، ބީއެމްއެލް، އެމްއައިބީ، އުރީދޫ، ދިރާގު އަދި ފަހިޕޭ މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ފަހިކޮށްދީފައެވެ.

އަތޮޅުތަކުގައި ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުން އެ ރަށެއްގެ ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އޮންލައިން ޕްލެޓްފޯމްތަކުން ބޭނުން ރަށަކަށް ޒަކާތް ދެއްކޭނެއެވެ. އޭގެ އިތުރުން އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް ހާއްސަކޮށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތައް:

 • ބަނޑޭރި ޕޭ ފިޔަވައި އެހެން ޕްލެޓްފޯމްތަކުން
  އެޕްރީލް ހަ ވަނަ ދުވަހުގެ 23:59 އަށް
 • ބަނޑޭރި ޕޭ
  ރަމަޟާން މަހުގެ ފަހު ދުވަހުގެ 18:00 އަށް
 • އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ބެހެއްޓިފައިވާ ކައުންޓަރުތަކުން
  ރަމަޟާން މަހުގެ ފަހު ދުވަހުގެ 14:00 އަށް
 • ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުން
  ރަމަޟާން މަހުގެ ފަހު ދުވަހުގެ 18:00 އަށް

މާލެ ސިޓީގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަމީނިއްޔާ ސްކޫލް ހޯލުން ކަމަށާއި ޒަކާތް ދައްކަން އަންނަ ފަރާތްތަކުން އެ ސްކޫލުގެ ލިލީމަގު ގޭޓް ބޭނުން ކުރުމަށް ޒަކާތު ހައުސްއިން ވަނީ އެދިފައެވެ.

ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 1:00 އިން ފެށިގެން ހަވީރު 4:00 އަށެވެ. އަދި އެޕްރީލް ނުވަވަނަ ދުވަހު މެންދުރު 1:00 އިން ފެށިގެން ހަވީރު 6:00 އަށް ޒަކާތް ބަލައިގަންނާނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައި ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.

މި އަހަރު ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1,599,113 ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *