ވައިގެ މަގުން ރާއްޖެއަށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މެލޭޝިއާއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ރަންޖިނި ޖީވަނަންތަން އާއި، ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް (29އ) އަދި ގއ. ދާންދޫ / ސަންލައިޓްވިލާ، އަޙްމަދު ރިޝްމާހް (21އ) އެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ 2026 ފެބުރުވަރީ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މީހުންގެ ތެރެއިން ރަންޖިނި ޖީވަނަންތަން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި ލޫޠު އިބްރާހީމާއި އަޙްމަދު ރިޝްމާހް ހައްޔަރުކޮށްފައިވަނީ މާލޭގެ ތެރެއިންނެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ ރަންޖިނި ޖީވަނަންތަން އާއި ލޫޠު އިބްރާހީމް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި އަޙްމަދު ރިޝްމާހްގެ ބަންދަށް ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.












